އދ.ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުން ސާބިތުކޮށްދެއްވީ، ރާއްޖެ ކުޑަ ގައުމަކަށް ވީނަމަވެސް ހައްގު ބަސް ބުނަން ކެރޭކަން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބުނެފިއެވެ.

ރައީސް އެ މަޖިލީހުގައި ދެއްވި ތަގުރީރާ ގުޅުވައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނު ދެއްވި ތަގުރީީރާ މެދު އެޕާޓީން ފަޚުރުވެރިވާ ކަމަށެވެ. އެގޮތުން، އެ ތަގުރީރަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި ތަޞައްވުރާއި މިހާރުން މިހާރަށް ގެންނަން ޖެހިފައިވާ ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުއްވައިލެއްވި ތަގުރީރެއް ކަމަށް އެޕާޓީން ބުންޏެވެ.

ރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު 75 އަހަރު ފުރޭއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް އެ ތަގުރީރުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެކަން ފާހަގަކޮށް ޕީއެންސީން ބުނީ، ރައީސް އެކަން އިއުލާނުކުރެއްވުމަކީ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ޚަބަރެއް ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ސިޔާސަތުތައް މުޅި ދުނިޔެއަށް އެމަނިކުފާނު އިއުލާނުކުރެއްވުމަކީ ދިވެހި ރައްޔިތުން އިތުބާރު ކުރުވި ކަމެއްކަން ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށާއި އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ރައީސްގެ ތަގުރީރުން ސާބިތުކޮށްދިނީ ރާއްޖެ ކުޑަ ނަމަވެސް، ހައްގު ބަސްބުނަން ކެރޭކަން ކަމަށް އެޕާޓީން ބުނެފައިވޭ -- ފޮޓޯ/ މަޖިލިސް

އެ ވާހަކައާ ގުޅުވައި ޕީއެންސީން ބުނީ، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެއްސަކު އެމަނިކުފާނާމެދު ފަޚުރުވެރިފާދަ ހިތްވަރު ގަދަ އަމަލެއް ކަމަށެވެ.

މިރޭ އެމަނިކުފާނު ދެއްވި ތަޤުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމަ އިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތް ކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެއް

އޭގެއިތުރުން، ޕީއެންސީން ވަނީ އެ ޕާޓިގެ ހުރިހާ މެންބަރުންގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، ފުރިހަމަ މާނައިގައި ދިވެހިންގެ މަސްލަހަތުތަކާއި އިހުސާސްތައް ބައިނަލްއަގުވާމީ މަސްރަހުގައި ތަމްސީލުކޮށްދެއްވީތީ އެކަމަށް ރައީސަށް ޝުކުރު އަދާކޮށްފައެވެ.