29 Jun 2012, 19:44
ދަރުބާރުގޭ ތެރޭ މަސްތުވެގެން ތިބެ ނެށި ކަމުގެ ތުހުމަތުގައި ކުޑަ ފިރިހެން ކުއްޖަކާއި އިތުރު ފިރިހެނަކު ބަނގުރަލާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 11:00 ޖަހާކަންހާއިރު އެ ދެ މީހުން ހައްޔަރު ކުރީ ދަރުބާރުގެ މާލަމެއްގައި ޒުވާން އުމުރު ފުރައިގެ ދެޖިންސުގެ ކުދިން މަސްތުވެގެން ނަށާ ކަމުގެ މައުލޫމާތު ލިބިގެން ދިޔައިރު، އެތަނުގެ ތެރެއިން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު މަސްތުގެހާލުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.
އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބްރީތިން އެނަލިސިސް އާއި ޔޫރިން ޓެސްޓްކޮށް ބެލިބެލުމުން ބްރީތިން އެނަލިސިސް އާއި ޔޫރިން ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުން ތިބި ތަން ބަލާފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުދި ސައިޒުގެ ލައިފް ފެން ހުސްކުރި ފުޅިއަކާއި ކުދި ސައިޒުގެ ކޯކް ހުސްކުރި ފުޅިއެއް ފެނިފައިވާ ކަމަށެވެ .
އަދި ދަރުބާރުގޭގެ މާލަމުގެ ތެރޭ އަނދިރީގައި މަސްހުނިވެގެން ނެށި ހުރިހާ އެންމެންވެސް ބަލާ ފާސްކުރުމަށްފަހު އެތަނުން އެވަގުތު ފޮނުވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.