25 Sep 2024, 08:48
ޖަޕާނުގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ސޮފްޓްބޭންކުން މޮޓޮރޯލާގެ އާ ފްލިޕް ފޯލްޑަބަލް ފޯނެއް ކަމަށްވާ މޮޓޮ ރޭޒާ 50އެސް ތަޢާރަފުކޮށްފިއެވެ. މި ފޯނަކީ ޖޫން މަހު ބާޒާރަށް ނެރުނު ރޭޒާ 50ގެ ޖަޕާނު ވާޝަނެކެވެ. މި ފޯނު ޖަޕާނުގެ ބާޒާރަށް ނެރޭނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ.
މި ފޯނުގައި 6.9 އިންޗީގެ އެތެރޭގެ ޑިސްޕްލޭއަކާއި 3.6 އިންޗީގެ ބޭރު ޑިސްޕްލޭއެއް ހުންނާނެއެވެ. ދެ ޑިސްޕްލޭގައި ވެސް އެކުލެވިގެންވަނީ އޯލެޑް ޕެނަލްތަކެކެވެ. ފޯނު ފެނުން ރައްކާތެރިކުރުމަށް އައިޕީއެކްސް އެއިޓް ރޭޓިން ދީފައިވެއެވެ.
ރޭޒާ 50އެސް މަސައްކަތްކުރާނީ ޑައިމެންޝަން 7300އެކްސް ޗިޕްސެޓާއެކު އަށް ޖީބީ ރޭމްއާއި 256 ޖީބީ ސްޓޯރޭޖް ހިމެނޭ ގޮތަށެވެ. ފޯނުގައި އެންޑްރޮއިޑް 14 އޮޕަރޭޓިން ސިސްޓަމް ހުންނާނެއެވެ.
ފޯނުގައި ތިން ކެމެރާއެއް ހިމެނޭއިރު، އޭގެ ތެރޭގައި 50އެމްޕީގެ މައި ކެމެރާއަކާއި 13އެމްޕީގެ އަލްޓްރާ ވައިޑް ކެމެރާއެއް ފަހަތުގައި ހިމެނެއެވެ. އަދި 32އެމްޕީގެ ސެލްފީ ކެމެރާއެއް ޑިސްޕްލޭގައި ހިމެނޭނެއެވެ.
ފޯނުގެ 4،200 އެމްއޭއެޗްގެ ބެޓެރީ 58 މިނެޓުގެ ތެރޭގައި ޔޫއެސްބީ- ސީ މެދުވެރިކޮށް ފުލްކޮށް ޗާޖުކުރެވޭނެއެވެ. އަދި ވަޔަލެސްކޮށް ވެސް ޗާޖުކުރެވޭނެއެވެ. ފޯނުގައި ވައިފައި ސިކްސް އާއި ބްލޫޓޫތު 5.4 ހިމެނޭނެއެވެ. މިއީ ފައިވްޖީ ފޯނެކެވެ.
ރޭޒާ 50އެސް ލިބެން ހުންނާނީ ކޯލާ ގްރޭ، ސޭންޑް ކްރީމް އަދި ސްޕްރިޓްޒް އޮރެންޖް ކުލަތަކުގައެވެ. ސޮފްޓްބޭންކުން ފޯނު ގަތުމަށް 49 މަހުގެ ފަސޭހަ ޕޭމަންޓް ޕްލޭނެއް ހުށަހަޅާފައިވެއެވެ. ފޯނުގެ އަގަކީ 115،200 ޖަޕާނު ޔެންއަށެވެ. އެއީ ގާތްގަނޑަކަށް 800 އެމެރިކާ ޑޮލަރެވެ.