24 Sep 2024, 22:43
ދިވެހިރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު 75 އަހަރު ފުރޭއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް އެ މަނިކުފާނު މިއަދު އދ.ގެ އާންމު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިރޭ ވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ. މިއީ، އެ މަނިކުފާނު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.
އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންސާނިއްޔަތު އޮތީ ވަރަށް ދެރަ ހާލުގައި ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. ބަނޑުހައިހޫނުކަމާއި ހަނގުރާމަތަކާއި ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން ފަދަ އެތައް ކަމެއްގެ ސަބަބުން މީހުން ވަރަށް ދެރަ، ދަތި ހާލުގައި އުޅެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އދ. އަށް ރާއްޖެއިން އައީ ތަސައްވުރެއް ހިފައިގެން. 2040 އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ބޭނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމަކަށްވުމަކީ ދަތި އަދި އުނދަގޫ ކަމެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް ހަރުދަނާ ޕްލޭނެއް އޮތްނަމަ އެއީ ހާސިލުނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ލަނޑުދަނޑި ހާސިލުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމާއި ޑިޖިޓަލް އިކޮނޮމީއަށް އިންވެސްޓްކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ 2040 އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"އެންމެން ބައިވެރިވާ ތަރައްގީއެއް ހޯދަން ޑިޖިޓަލް އިކޮނޮމީއަކީ ލާޒިމުކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ގެންދަވަނީ ޑިޖިޓަލް އިކޮނޮމީގެ ދާއިރާއިން އިންވެސްޓްކުރައްވަމުން ކަމަށެވެ. އެގޮތުން، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީއަށް އެ ދާއިރާއިން 15 އިންސައްތަ ހިއްސާކުރުވަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ އިންސާނިއްޔަތު ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ އިތުރުން އދ. އިން ކަނޑައަޅާ އަމާޒުތަކަށް ވާސިލުވާން ގައުމުތަކުން ގުޅިގެން މަސައްކަތް މިހާރުން ފެށިގެން ފައްޓަން ގޮވާލައްވައިފައެވެ.
"ހައްގުތައް ހިމާޔަތްކުރެވޭނީ އިޙުތިރާމުކުރާ ސަގާފަތެއް އުފައްދައިގެން،" އެ މަނިކުފާނު ޖޯޝާ އެކު ދެއްވެވި ތަގުރީރުގައި ވިދާޅުވިއެވެ.
އެ ތަގުރީރުގައި ފަލަސްތީނުގައި ހިނގާ ގަތުލުއާންމަށް އަލިއަޅުއްވައިލައްވާ އެ މަނިކުފާނު ވަނީ އެއީ ޓެރަރިޒަމް ކަމަށް އދ.ގެ ޕޯޑިއަމްގައި ހުންނަވައިގެން ވިދާޅުވެފައެވެ. އަދި، އިޒްރޭލުން ކުޑަކުދިންނާއި އަންހެނުން މަރަމުން ގެންދާއިރު، އެ އަމަލުތަކަށް ދުނިޔޭގެ ކުރިމަތީ ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އެ މަނިކުފާނު ހަރުއަޑުން ވިދާޅުވިއެވެ.