29 Jun 2012, 19:30
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބީ ޓީމް ކަމުގައިވާ ޖަރުމަންގެ މައްޗަށް ކުރި ހޯދާ، މުބާރާތުގެ ފައިނަލުން އިޓަލީ ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ޖަރުމަނާ ދެކޮޅަށް އިޓަލީ ކުޅުނު މެޗް ނިމުނީ 2-1 ލަނޑުން އިޓަލީ ކުރީގައި އޮވެގެންނެވެ.
ޔޫރޯގެ ތާރީހުގައި ޖަރުމަން އެންމެ ކާމިޔާބު ޓީމަކަށް ވަނީ މިމުބާރާތުގެ ތަށި އެ ޓީމުން ތިން ފަހަރެއްގެ މަތިން ހޯދާފައި ވާތީ އެވެ.
ރޭގެ މެޗުގައި ޖަރުމަންކޮޅަށް އިޓަލީން ޖެހި އެ ޓީމުގެ ދެ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ މާރިއޯ ބަލޮޓެލީ އެވެ. އަދި އިޓަލީ ކޮޅަށް ޖަރުމަނުން ރޭގެ މެޗުގައި ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ މެސުޓް އޮޒިލް އެވެ.
ޔޫރޯ ދެ ވަނަ ފަހަރަށް ކާމިޔާބުކުރުމަށް އިޓަލީން އާދީއްތަ ދުވަހުގެ ރޭ، ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ރާއްޖޭ ގަޑިން 11:45 ގަ އެވެ.
ފައިނަލުގައި ސްޕެއިނާ ދެކޮޅަށް އިޓަލީ ނިކުންނަ އިރު، އިޓަލީއަށް ޔޫރޯ މުބާރާތެއް އަދި ކާމިޔާބު ކުރެވިފައި ވަނީ އެއް ފަހަރު އެވެ. އެއީ 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި ޔޫގޯސްލާވިޔާ އަތުން 2-0 ލަނޑުން މޮޅުވި ފަހަރު އެވެ.