އިންޑިއާގެ ކެރަލާއިން މަކުނު ވިދުރީގެ އާ ވޭރިއެންޓް ފެނިއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައި ވަނީ ޔޫއޭއީއަށް ދަތުރުކުރުމަށް ފަހު މިދިޔަ ހަފުތާގައި އިންޑިއާއަށް އެނބުރި ދިޔަ އެގައުމުގެ މީހެއްގެ ފަރާތުންނެވެ.

އެއީ 38 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ފަރާތުން މަކުނުވިދުރިގެ އަލާމާތްތަކެއް ފެނިގެން މަލައްޕޫރަމްގެ ގަވަމެންޓް މެޑިކަލް ކޮލެޖުގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ވަނީ އެ މީހާގެ ހާލު ރަނގަޅު ކަމަށާއި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބަލި ނުފެތުރޭނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހުނު ނަމަވެސް، ގިނަ ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ނެތް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކެރަލާއަކީ ގިނަ އަދަދެއްގެ ދިވެހީން ގޮސް އުޅޭ ސަރަހައްދެއް ކަމަށްވާއިރު، އެ ސްޓޭޓުގެ ހެލްތު މިނިސްޓްރީން ވަނީ ގައުމުން ބޭރު އަންނަ މީހުންގެ ފަރާތުން މަކުނު ވިދުރީގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ ހެލްތު ޑިޕާޓްމެންޓަށް އެކަން އަންގައި ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް އެދިފައެވެ. އެ މިިނިސްޓްރީން ވަނީ ކެރަލާގެ ހުރިހާ މެޑިކަލް ކޮލެޖަކުން ވެސް މަކުނު ވިދުރިއަށް ފަރުވާ ކުރެވޭނެ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ވެސް މަކުނުވިދުރިއަށް ޓެސްޓްކޮށް، އެ ބައްޔަށް ފަރުވާ ވެސް ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

އެފްރިކާ ސަރަހައްދުގައި ފުރަތަމަ ފެތުރެން ފެށި މަކުނު ވިދުރީގެ އާ ވޭރިއެންޓްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ މަހު ސިއްހީ ކުއްލި ހާލަތެއް އިއުލާންކުރިއެވެ. އޭގެ ފަހުން އެހެން ބައްރުތަކުން ފެނިފައިވާ މަކުނު ވިދުރީގެ ކޭސްތައް އާ ވޭރިއެންޓަށް ޓެސްޓު ކުރަމުން އަންނައިރު، އޭޝިއާއިން އާ ވޭރިއެންޓްގެ ކޭސްއެއް ކަމަށް ފުރަތަމަ ކަށަވަރު ކުރެވުނީ ތައިލެންޑުގައެވެ.

މަކުނުވިދުރީގެ މިހާރު ފެތުރެމުންދާ ވޭރިއެންޓް އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުންނެވެ. ނަމަވެސް އެހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

އެގޮތުން، ބަލި ޖެހިފައި ހުންނަ މީހާގެ ހަމުގައި ހުންނަ ބިހިތަކުން ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓުފަދަ ތަކެތީގައި ޖެހުމުން ބަލި ފެތުރެއެވެ. އަދި، ނޭވާލާ ނިޒާމުގެ ޒަރީއާއިންނާއި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.