މެލޭޝިއާގައި ކުރިއަށްދާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމް އިރާނާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އިއްޔެ ކުޅުނު މިމެޗުގައި މެޗުގައި ރާއްޖޭގެ މައްޗަށް އިރާނުން ކުރި ހޯދީ 7-0 ލަނޑުންނެވެ.

މިމުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު އަތުން 2- 0 އިން ރާއްޖެ ބަލިވި އިރު، ދެވަނަ މެޗުން ރާއްޖެ ބަލިވީ ތަޖިކިސްތާނާ ދެކޮޅަށް ކުޅެ 2-1 ލަނޑުންނެވެ.

މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ އިރާން، ބަހުރޭން، ތަޖިކިސްތާން، ކުވައިތު އަދި ގަތަރެވެ. މުބާރަތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީ ފަޅީގަ އެވެ. މި ގުރޫޕްގައި ރާއްޖެ ކުޅޭ ހަތަރު ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ބަހުރޭނާ ދެކޮޅަށެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި އަންނަ އަންގާރު ދުވަހު ރާއްޖެ ނިކުންނާނީ ކުވޭތާ ދެކޮޅަށެވެ.