24 Sep 2024, 17:57

ދިވެހީން އެންމެ ގިނައިން ފަރުވާއަށްދާ އިންޑިއާގެ އެއް ހޮސްޕިޓަލް ކަމަށްވާ ކިމްސް ހެލްތު ހޮސްޕިޓަލް ޓްރިވެންޑްރަމްގެ ސުޕަ ސްޕެޝަލިސްޓް ކްލިނިކެއް މާލޭގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
"ކެއާ ވަން އެންޑް ޑެންޓަލް ކްލިނިކް"ގެ ނަމުގައި ހުޅުވާ މި ކްލިނިކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި އެ ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދު ވިދާޅުވީ އެ ކްލިނިކަކީ ކިމްސްގެ މައި ހޮސްޕިޓަލް، ކިމްސް ކެރެލާއާ ގުޅިގެން މާލޭގައި ހިންގާނެ ކްލިނިކެއް ކަމަށެވެ. އެގޮތުން އެ ކްލިނިކުން ބަލިމީހުން ބެލުމަށް ކިމްސްގެ ސުޕަ ސްޕެޝަލިޓީ ޑޮކްޓަރުން ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކްލިނިކުން ދަތުގެ ފަރުވާއާއި ލެބް ޓެސްޓުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފުޅާ ދާއިރާއެއްގައި ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ލެބޯޓަރީގެ ޚިދުމަތްތައް ލިބޭނެ ތަނެއްގެ ގޮތުގައި މިތަން ވާނީ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރަނިވި ރައްޔިތުންނަށް ބޭނުންވާނެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ބަލާނެ ކްލިނިކަކަށް ވެގެންދާނެ،ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދު
އިންޑިއާގެ "ކިމްސް ހެލްތު ޓްރިވެންޑްރަމް" ހޮސްޕިޓަލް
މި ކްލިނިކް ވާނީ ރާއްޖެއަށް ކިމްސް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަޑައިގެން ބައްލަވާ ހަމައެކަނި ކްލިނިކަށެވެ. ސައުދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާނެ މުހިންމު ސިއްހީ ޚިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ނުލިބޭ ބައެއްކަހަލަ ބޭސް ވެސް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ކްލިނިކް ހުޅުވައި، އާންމުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި މިހާރު އިމާރާތުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ހުއްދަތަކާއި ބައެއް އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކްލިނިކް ހުޅުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ކިމްސްގެ ޗެއާމަން ޑރ. މުހައްމަދު އިލްޔާސް ސަހާދުالله ވެސް ވަޑައިގަންނަވާނެ ކަމަށް ސައުދު މައުލޫމާތުދެއްވިއެވެ.
ކިމްސް ހެލްތަކީ އިންޑިއާގެ ހޮސްޕިޓަލް ޗެއިންއެއް ކަމަށްވާއިރު، އެގައުމުގެ އެކި ސަރަހައްދުތަކުގައި ކިމްސްގެ ހޮސްޕިޓަލްތައް ހުރެއެވެ.