24 Sep 2024, 15:37
ހިލޭ ފަސް ލައްކަ ރުފިޔާ ލިބޭ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓަށް މިއަދު ހުޅުވާލައިފިއެވެ.
މިއީ ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް ހުޅުވާލި ތިންވަނަ އަހަރެވެ.
މިއީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލްއިން ދޫކުރާ ގްރާންޓެކެވެ. އެއީ، ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފަށަން ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީއެކެވެ.
އެގޮތުން، އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ، ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވާނެ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދިނެވެ.
އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ކާމިޔާބުކަމާ އެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން -- ސަން ފޮޓޯ
މި ކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤުތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،އާއިޝަތު ނޫރައްދީން
ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން[email protected]އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެވެބްސައިޓުންލިބޭނެއެވެ.