ވޮޝިންޓަން (24 ސެޕްޓެމްބަރު 2024): އިސްރާއީލުން ލުބްނާނުގެ އާންމުންނަށް ހަމަލާދީ އާންމުން މަރަނީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ހިޒްބުﷲ އިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓުވުމަށާއި އިސްރާއީލުގެ ބޯޑަރު ކައިރިން ދުރަށް ދިޔުމަށް ހިޒްބުﷲ އަށް މަޖުބޫރު ކުރުވުމަށް ކަމަށް، އެމެރިކާގެ ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް"ގެ ގުދްސުގައި ހުންނަ އޮފީހުގެ ޑައިރެކްޓަރު ޕެޓްރިކް ކިސިންގްލީ ބުނެފިއެވެ.

އިސްރާއީލުން ލުބްނާނަށް ދޭން ފަށާފައިވާ އާދަޔާ ޚިލާފު އަނިޔާވެރި ހަމަލާތަކާބެހޭގޮތުން އިސްރާއީލުގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ކިސިންގްލީ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ލުބްނާނުގެ އާންމުން މެރުމުގައި އިސްރާއީލުގެ މަގްސަދަކީ ލުބްނާނުގެ ރައްޔިތުންނާއި ސަރުކާރު، ހިޒްބުﷲ ދެކެ ރުޅިއަންނަ ގޮތް ހެދުމެވެ.

އިސްރާއީލުން ލުބްނާނުގެ އާންމުން މަރާމެރުމުގެ ޒިންމާ އުފުލަންޖެހޭނީ ހިޒްބުﷲ ކަން ލުބްނާނުގެ ރައްޔިތުންނާއި ސަރުކާރަށް ވިސްނައިދީ އެފަރާތްތަކުން ހިޒްބުﷲ ދެކެ ރުޅިއަންނަގޮތް ހެދުމެވެ.

މިކަމާބެހޭގޮތުން ކިސިންގްލީ ލިޔެފައިވާ ރިޕޯޓްގައި ވާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި 41 ހާހަށްވުރެގިނަ އާންމުން މެރީވެސް އެކަމުގެ ރުޅިގަނޑު ޣައްޒާގެ އާންމުން ހަމާސްއަށް ބާލާނެކަމަށް ދެކިގެންނެވެ. ނަމަވެސް ކަންތައް ދިޔައީ ދިމާ އިދިކޮޅަށެވެ. ޣައްޒާގެ އާންމުން ރުޅިއައީ އެމީހުންގެ ބޮލަށް ބޮންއަޅައި 41 ހާހަށް ވުރެގިނަ އާންމުން މެރި އިސްރާއީލުދެކެއެވެ.

ޣައްޒާގައި ވެރިކަން ކުރުމަށް ހަމާސް ޖަމާއަތް ނޫންބަޔަކު ޣައްޒާގެ ތެރެއިން ހޯދަން އިސްރާއީލު ކުރި މަސައްކަތް ނާކާމިޔާބުވުމާއި ޣައްޒާގެ ވެރިކަން ކުރުމުގައި އިސްރާއީލަށް އެއްބާރުލުން ދޭނެ އެއްވެސް ފަރާތެއް އިސްރާއީލަށް ނުލިބުނުކަމަށް ދާދިފަހުން އިސްރާއީލުގެ ސަރުކާރުން އިއުތިރާފުވުމަކީ ޣައްޒާގެ ރައްޔިތުން ރުޅިއައީ އިސްރާއީލު ދެކެކަމާއި ނަފްރަތު ކުރަނީ އިސްރާއީލަށްކަން ހާމަވެގެން ދިޔަކަމެއްކަމަށް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިންނާ ހަވާލާދީ ކިސިންގްލީގެ ރިޕޯޓްގައި ވާގޮތުން އިސްރާއީލު ދާދިފަހުން ހިޒްބުﷲގެ ކޮމިއުނިކޭޝަން ޑިވައިސްތައް ގޮއްވާލުމާއި ހިޒްބުﷲގެ އިސް ތިން ކޮމާޑަރުން ޖެހިޖެހިގެން މަރާލުމަކީވެސް ޣައްޒާގެ މައްސަލައާ ދުރުވުމަށާއި އިސްރާއީލު ހަދާނެ އެއްޗެއް ޣައްޒާގެ ރައްޔިތުންނަށް ހެދުމަށް އެމީހުން ދޫކޮށްލުމަށާއި އެމައްސަލައިގެ ތެރެއަށް ހިޒްބުﷲ ނުވަނުމަށް އިސްރާއީލުން ހިޒްބުﷲއަށް ދިން ހަރުކަށި އަދި ވޭންދެނިވި މެސެޖްތަކެކެވެ.

ހިޒްބުﷲ އިން އިސްރާއީލުގެ ޔަހޫދީ އަވަށަކަށް ދީފައިވާ ހަމަލާތައް

މި އަމަލުތައް ހިންގުމަށްފަހު އިސްރާއީލުވަނީ ލުބްނާނަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ހޯކަޝްޓެއިން މެދުވެރިކޮށް ޣައްޒާގެ ދިފާއުގައި ހިޒްބުﷲ އިސްރާއީލަށް ހަމަލާނުދިނުމަށާއި ހިޒްބުﷲގެ ސިފައިން އިސްރާއީލުގެ ބޯޑަރުން ތަންކޮޅެއް ފަހަތަށް ދިޔުމަށް އަންގާފައެވެ. މިގޮތަށް އަމަލުކޮށްފިނަމަ ހިޒްބުﷲ އަށް ހަމަލާނުދޭނެކަމުގެ ޔަގީންކަންވެސް އެމެރިކާގެ މަންދޫބު މެދުވެރިކޮށް، އިސްރާއީލުން ހިޒްބުﷲ އަށް ދީފައިވާ ކަމަށް ކިސިންގްލީގެ ރިޕޯޓް ބުނެއެވެ.

މި ކަންތައްތަކަށްފަހު މިދިޔަ ހޮނިހިރު ދުވަހު ދެއްވި ޚިތާބުގައި ހިޒްބުﷲ ގެ ވެރިޔާ ސައްޔިދު ހަސަން ނަސްރުﷲ ވަނީ އިސްރާއީލުން ހިޒްބުﷲ އަށާ އަދި ލުބްނާން އާ ދެކޮޅަށް ކޮންމެ ފަދަ އަނިޔާވެރި ޖަރީމާތަކެއް ހިންގިނަމަވެސް ހިޒްބުﷲ އިން ޣައްޒާގެ ރައްޔިތުން ދޫކޮށް ނުލާނެކަމަށް ވިދާޅުވެފައެވެ.

ނަސްރުﷲ ވިދާޅުވިގޮތުގައި ހިޒްބުﷲ އިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލާނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތައް ހުއްޓާލުމުންނެވެ. އެނޫންގޮތެއް އެއްވެސް ގޮތެއް ނޯންނާނެއެވެ. ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލު ހަދާނެއެއްޗެއް ހަދަން ދޫކޮށްނުލާނެކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައިއާއި ހަމާސް ޖަމާއަތަށް ވާގިވެރިވުމަށްޓަކައި ހިޒްބުﷲއިން އިސްރާއީލުގެ އުތުރަށް ދެމުންގެންދާ ހަމަލާތަކަކީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއްލިބޭ ވަރުގަދަ އަދި އިސްރާއީލަށް ވަރަށް ވޭންދެނިވި ހަމަލާތަކެއްކަން އިސްރާއީލުގެ މިވާހަކަތަކުންނާއި އިސްރާއީލުން ހިޒްބުﷲ އަށް ދިން ހަމަލާތަކުން ހާމަވެގެންދެއެވެ.

ހިޒްބުﷲ ގެ ހަމަލާތަކާ ކުރިމަތިލުމަށް އިސްރާއީލު ސިފައިންގެ ގިނަ ވަސީލަތްތަކާއި ސިފައިންގެ އެތަށް ހާސްބަޔަކު ތިބެންޖެހޭކަމާއި އެއީ އިސްރާއީލަށް ވަރަށް ޚަރަދުބޮޑު ކަމެއްކަން އެނގިގެންދެއެވެ. ހިޒްބުﷲ ގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގެ އެއްލައްކައަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން އެމީހުންގެ ޔަހޫދީ އަވަށްތަކުން ނުކުމެ ރައްކާތެރި ތަންތަނަށްގޮސް ފޭލިގެތަކާއި ބިންގަރާސްތަކުގައި ތިބޭތާ މިހާރުވަނީ ޣައްޒާގެ ހަނގުރާމައަށް ވީ ދުވަހެއް ވެފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދެނީ ހިޒްބުﷲގެ ހަމަލާތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި މަގުމަތިވެފައިވާ އިސްރާއީލުގެ އުތުރު ސަރަހައްދުތަކުގެ ލައްކައެއްހާ ޔަހޫދީން އެމީހުންގެ ގެދޮރަށް އަލުން ދިޔުމަށް މަގުފަހިކުރުމަށްޓަކައި ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ހިޒްބުﷲ އާ ދެކޮޅަށް ފަށާ ހަނގުރާމައިގާ ހިޒްބުﷲ އާއި ހަމާސް މުޅިން ބަލިކޮށް މުޅި މެދުއިރުމަތި އިސްރާއީލު ބޭނުންވާގޮތަށް އަލުން ބައްޓަން ކުރާނެކަމަށްވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

ނަމަވެސް ޣައްޒާގައި އިސްރާއީލު ކުރާ ހަނގުރާމައަށް އެއްއަހަރު ވާން ގާތްވެފައިވާއިރު އެމެރިކާގެ ޒަމާނީ ހަތިޔާރާއެކު ވެސް އިސްރާއީލަށް ހަމާސް ބަލިކޮށްލެވިފައެއް ނުވެއެވެ. ހަމާސް ބަލި ނުކުރެވުމުގެ އިތުރުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައިވެސް އިސްރާއީލުވަނީ ނާކާމިޔާބު ވެފައެވެ.

އިސްރާއީލުން އިއްޔެވަނީ ލުބްނާނުގެ އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާދީ އާންމުންގެ 500 އަށް ވުރެ ގިނަމީހުން ޝަހީދުކޮށް 700 އަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. ރައްދުގައި ހިޒްބުﷲ ވަނީ އިސްރާއީލުގެ އަސްކަރީ ކާރުޚާނާތަކަށާއި އެއާޕޯޓްތަކަށާ އަދި އެނޫންވެސް ތަންތަނަށް ކުރު ރާސްތާގެ ރޮކެޓާއި ދުރުރާސްތާގެ މިސައިލެއްކަމަށްވާ ފާދީ -1 އަދި ފާދީ -2 ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.