މި މަހުގެ 20 ގެ ކުރިން ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަންގާފައި ވީނަމަވެސް ބައެއް ތަންތަނުން އަދިވެސް ބަޖެޓް ކުޑަނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަޖެޓު ކުޑަކޮށް އެ މިނިސްޓްރީއަށް ފޮނުވުމަށް ދީފައި އޮތް މުއްދަތު ހަމަވިއިރުވެސް ބައެއް އޮފީސްތަކުގެ ބަޖެޓް ކުޑަކުރުމަށް ފަހު ފޮނުވާފައި ނުވާ ކަމަށެވެ. ޖިހާދު ވިދާޅުވީ އެ އޮފީސްތަކާއި މަޝްވަރާ ކުރުމަށް ފަހު އެތަންތަނުގެ ބަޖެޓުންވެސް 15 ޕަސެންޓް އުނިކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށެވެ.

"ހުރިހާ އޮފީސްތަކުންވެސް އެއްބާރުލުން ދެއްވާ ބަޖެޓް ކުޑަކުރެއްވުމަށް، މިހާރު ނުފޮނުއްވާ ހުރި އޮފީސްތަކާވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން މި އަންނަނީ ބަޖެޓް ކުޑަކުރުމަށް، އެބޭފުޅުންވެސް އެއްބާރުލުން ދެއްވާ ގޮތައް ތިއްބެވީ، ބައެއް ދަތިތަކާ ހުރެ އެބޭފުޅުންނަށް ބަޖެޓް ކުޑަ ނުކުރެއްވިގެން އުޅޭ ކަމަށް ވިދާޅުވަނީ،" ޖިހާދު ވިދާޅުވި އެވެ.

މި ވަގުތު ރާއްޖޭގެ އިގުތިސޯދު އޮތް ގޮތުން ބަޖެޓުގެ 15 ޕަސެންޓް ކުޑަކުރުން ނޫންގޮތެއް ނެތް ކަން ފާހަގަ ކުރައްވަމުން މިނިސްޓާ ވިދާޅުވީ ބައެއް މިނިވަން މުއައްސަސާތަކުންވެސް ބަޖެޓް ކުޑަކުރުމަށް ފަހު ފޮނުއްވާފައިވާ ކަމަށެވެ. އަދި ކުޑަނުކޮށް ހުރި މުއައްސަސާތަކައިވެސް ވާހަކަ ދައްކައިގެން އެކަން ކުރައްވަން ގަސްތުކުރައްވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"އެބޭފުޅުންވެސް އުސޫލެއްގެ ގޮތުން އެއްބަސްވެ ލައްވާފައި އޮތީ ބަޖެޓް ކުޑަކުރަން، އެބޭފުޅުން ގެވެސް އެއްބާރުލެއްވުން އަންނަނީ ލިބެމުން،" މިނިސްޓާ ވިދާޅުވި އެވެ.

މީގެ ކުރިން ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވެފައިވަނީ ބަޖެޓު ކުޑަކުރުމަށް ގިނަ އޮފީސްތަކަށް ދަތި ވަނީ އަހަރުގެ މެދުތެރެ ކަމަށްވެފައި އަދި ބަޖެޓް ފާސްކުރީއިރުވެސް ގިނަ އޮފީސްތަކެއްގެ ބަޖެޓް ކުޑަކޮށްފައި ވާތީ ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ މުވައްޒިފުންގެ މުސާރަފިޔަވައި އެހެން ހުރިހާ ހަރަދެއް ކުޑަކޮށް ބަޖެޓްތައް 15 ޕަސެންޓަށް ކުޑަކުރާށެވެ.

ފިނޭންސް މިނިސްޓާ ޖިހާދު ސޮއި ކުރައްވާ ހުރިހާ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ސަރުކާރު އޮފީސްތަކާއި ކައުންސިލްތަކުން މި މަހުގެ 15އިގެ ކުރިން ބަޖެޓް ކުޑަކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެ އެވެ. އަދި މިނިވަން މުއައްސަސާތަކުން މި މަހުގެ 20ގެ ކުރިން ބަޖެޓް ކުޑަކޮށް ފިނޭންސަށް ފޮނުވަން ޖެހެ އެވެ.

ސަރުކާރުން ލަފާ ކުރަނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ބަޖެޓް ކުޑަކުރުމުން ދެ ބިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކޮންމެ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ކެބިނެޓުން ނިންމެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.