އިސްރާއީލުން ދިންކަމަށް ބެލެވޭ ސައިބާ ހަމަލާއަކުން ލުބްނާނުގައި ހުރި ޙިޒްބުﷲގެ މުވާސަލާތީ ވަސީލަތްތަކެއް ގޮއްވާލުމާ ގުޅިގެން، އީރާނުގެ އިންޤިލާބީ ގާޑުން (އައިއާރުޖީސީ)ގެ މެންބަރުންނަށް އެއްވެސް ބާވަތެއްގެ މުވާސަލާތީ ވަސީލަތެއް ބޭނުން ނުކުރުމަށް އަންގައިފިއެވެ.

އީރާނުގެ ސަލާމަތީ އިސް ދެ އޮފިޝަލަކުވަނީ މިކަން ރޮއިޓާސް އަށް ކަށަވަރުކޮށްދީފައިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މި ދެ އޮފިޝަލުންކުރެ އެކަކު ބުނި ގޮތުގައި، މިހާރު އައިއާރުޖީސީން ވަނީ ހުރިހާ ވަސީލަތްތަކެއް ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މުވާސަލާތީ ވަސީލަތްތައް އެކަނި ނޫން ކަމަށް ވެސް އޮފިޝަލުން ބުނެފައި ވެއެވެ.

މި ވަސީލަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޑިވައިސް އުފައްދާފައިވަނީ އީރާނުގައި ނުވަތަ ޗައިނާ އާއި ރަޝިޔާއިން އިމްޕޯޓުކޮށްގެންނެވެ.

އީރާނުގެ ކަންބޮޑުވުމަކަށް ވެފައިވަނީ އިސްރާއީލުގެ ޖާސޫސުން ނުފޫޒު ފޯރުވުމުގެ މައްސަލައެވެ. މީގެ ތެރޭގައި އިސްރާއީލަށް ޖާސޫސްކޮށްދޭ އީރާނުގެ މީހުން ވެސް ހިމެނެއެވެ.

އެހެންކަމުން، އައިއާރުޖީސީގެ މެދު އަދި މަތީ ފަންތީގެ މެންބަރުންގެ މައްޗަށް ވަނީ ތަޙުޤީޤެއް ފަށައިފިއެވެ. މީގެ ތެރޭގައި އެ މީހުންގެ ބޭންކު އެކައުންޓުތަކާއި ދަތުރުފަތުރުގެ ރެކޯޑުތައް ބެލުން ހިމެނެއެވެ.

މި ވަގުތު އައިއާރުޖީސީގެ 190،000 މުވައްޒަފުން މުވާސަލާތުކުރަނީ ކިހިނެއްކަން ހާމަކުރަން އެ އޮފިޝަލު ދެކޮޅު ހެދިއެވެ. ނަމަވެސް، އޭނާ ބުނި ގޮތުގައި މިހާރު ބޭނުންކުރަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން އާއެކު މެސެޖިން ނިޒާމުތަކެވެ.

އީރާނުގެ ވެރިންގެ މެދުގައި މިކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކަންބޮޑުވުން އުފެދިފައިވެއެވެ. އައިއާރުޖީސީ އޮފިޝަލުން ވަނީ ޙިޒްބުﷲ އާ ގުޅައި ޓެކްނިކަލް އެސެސްމަންޓެއް ހެދުމަށް އެދިފައެވެ. އަދި ގޮއްވައިލާފައިވާ ވަސީލަތްތަކުގެ ބައެއް ނަމޫނާތައް އީރާނުގެ މާހިރުން ދިރާސާކުރުމަށް ތެހެރާނަށް ވަނީ ފޮނުވައިފައިވެއެވެ.

އީރާނުގެ އެހެން އޮފިޝަލަކު ބުނި ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނިއުކްލިއާ އަދި މިސައިލް ފެސިލިޓީތަކުގެ ރައްކާތެރިކަމެވެ. އަދި މިދިޔަ އަހަރު އިސްރާއީލުން އީރާނުގެ މިސައިލް ޕްރޮގްރާމަށް ހަމަލާދޭން މަސައްކަތްކުރި ކަމަށް އީރާނުން ބުނި ފަހުން، މި ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

އީރާނާއި އިސްރާއީލާ ދެމެދު އެތައް އަހަރެއް ވަންދެން ހިނގަމުން އައި ހިޔަނި ހަނގުރާމައެއް ވަނީ ފާއިތުވި އަހަރު އިތުރަށް ގަދަވެފައެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މިކަން އިތުރަށް ވަނީ ގޯސްވެފައެވެ. މިގޮތުން، ޖުލައި މަހު އިސްރާއީލުން ވަނީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ތެހެރާނުގައި އަވަހާރަކޮށްލައި، ޙިޒްބުﷲގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު ބައިރޫތުގައި މަރައިލައިފައެވެ.

އިސްރާއީލުން ބުނެފައިވަނީ ޝުކުރު މަރައިލީ އެ ޤައުމުންކަމަށެވެ. ނަމަވެސް، ހަނިއްޔާ އަވަހާރަކޮށްލީ އިސްރާއީލުންކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.