އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގައި ބައިވެރިވާން ރާއްޖެއަށް ލިބުނު ފުރުސަތަކީ، ޑިޖިޓަލައިޒޭޝަން ކުރިއެރުވުމަށް ލިބުނު ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ގަޑިން ރޭގައި އޮތް އެ ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށް ޓަކައި އިއްޔެ ބޭއްވި ސަމިޓެކެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގެ ކޯ-ޗެއާކަން ކުރެއްވުމަށް ފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ކޯ-ޗެއާކަން ކުރެއްވީ "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ"ގެ ނަމުގައި ކުރިއަށް ދިޔަ މުހިންމު ޑައިލޮގެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ފަރާތުން އެހާ މުހިންމު ސެޝަނެއްގައި ކޯ-ޗެއާކަން ކުރަން ލިބުމަކީ ރާއްޖޭގައި ކުރިއަށްގެންދަން ބޭނުންފުޅުވާ ޑިޖިޓަލް އިކޮނޮމީ ކުރިއަށް ގެންގޮސް ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

...އަޅުގަނޑުމެންގެ މި މުހިންމު ސިޔާސަތު ކުރިއަށް ގެންދިޔުމުގަ ލިބުނު ވަރަށް މުހިންމު ފުރުސަތެކޭ، އަދި ރާއްޖޭގެ ނަން އިންޓަނޭޝަނަލް ކޮމިއުނިޓީގަ ފާހަގަވެގެން ދާން ލިބުނު ފުރުސަތެއް. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ،ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ހަމައެއާއެކު، ރާއްޖޭގައި ޒުވާނުންނަށާއި އެކި ފަރާތްތަކަށް ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް ޓަކައި ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ވެސް ފުރުސަތު ލިބުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އެއީ މުހިންމު އެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އުފައްދަން ލިބުނު ފުރުސަތެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ޑައިލޮގްގައި އެ މަނިކުފާނާއެކު ކޯޗެއާކަން ކުރެއްވީ އެސްޓޯނިއާގެ ރައީސް އަލަރް ކާރިސްއެވެ. ގާތްގަނޑަކަށް 190 އެއްހާ ގައުމުން އެ ޑައިލޮގްގައި ބައިވެރިވިއިރު، ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާއި މިނިސްޓަރުން ވާހަކަފުޅުދެއްކެވިއެވެ.