24 Sep 2024, 09:05
އިސްރާއީލުން ލުބުނާނަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާ ދީފިއެވެ.
އިއްޔެ ދިން އެ ހަމަލާގައި މިހާތަނަށް 492 މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނޭ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ އެންމެ ބާރުގަދަ ސަރަހައްދުތަކަށް ދިން އެ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ވެސް ޖެހިފައެވެ.
ދެހާސް ހަވަނަ އަހަރު ހިނގި އިސްރާއީލާއި ހިޒްބުﷲ ހަނގުރާމައަށް ފަހު މިހާތަނަށް އިސްރާއީލުން ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ލުބުނާނުން ފިލައިގެން ދިއުމަށް ބެއިރޫތަށް ދާ މައި ހައިވޭއަށް ޖަމާވެފައެވެ.
ހަމަލާތަކުގައި 1،645 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާއިރު، އެއްދުވަސް ތެރޭގައި އެހާ ގިނަ މީހުން ޒަޚަމްވުމަކީ ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިސްރާއީލުން ބުނީ އިއްޔެ އެކަނި ލުބްނާނަށް 800 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.
މިއީ "ހިޒްބުﷲގެ ޓެރަރިސްޓުންގެ އަމާޒުތަކަށް ދިން ހަމަލާތަކެއް" ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލުން ލުބްނާންގެ އެކި ހިސާބުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި މިދިޔަ އެއް ހަފްތާ ތެރޭގައި ޒަޚަމްވި މީހުންގެ އަދަދު 5،000 އިން މަތިވެފައިވާ ކަމަށާއި، ހަމަލާތަކުގެ ސަބަބުން ލުބުނާނުން މިހާތަނަށް 10،000 އާއި 11،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްޚީ ވުޒާރާއިން އަންދާޒާކުރެއެވެ.
އިސްރާއީލުން ވައިގެ ހަމަލާތައް ދީފައި ވަނީ ހިޒްބުﷲ އިން އިސްރާއީލުގެ އުތުރަށް 100 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލިތާ އެއް ދުވަސް ފަހުންނެވެ.
ހިޒްބުﷲ އިން އެ ހަމަލާ ދީފައި ވަނީ ހުކުރު ދުވަހު ބެއިރޫތުގެ ސަބާބަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ އިސް އަސްކަރީ ކޮމާންޑަރަކާއި އިތުރު މެންބަރުންތަކެއްގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުން މަރުވި މައްސަލައިގެ ރައްދު ދިނުމުގެ ގޮތުންނެވެ.
މިދިޔަ ހަފްތާ ހިޒްބުﷲގެ ހަނގުރާމަވެރިން ބޭނުންކުރާ އެތައް ހާސް މުވާސަލާތީ ވަސީލަތްތައް ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ގޮވައި 39 މީހުން މަރުވެ، ގާތްގަނޑަކަށް 3،000 މީހުން ޒަހަމްވެފައިވެ އެވެ.
ލުބުނާނުން މި ހަމަލާތަކުގެ ޒިންމާ އިސްރާއީލުގެ ބޮލުގައި އަޅުވާފައިވީ ނަމަވެސް އިސްރާއީލުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.