އިންޑިއާގެ ތެލުގޫ ސިނަމާގެ މެގަ ސްޓާރު ޗިރަންޖީވީ، ގިނީސް ވޯލްޑް ރިކޯޑުގެ މުގުރާލައިފިއެވެ.

ޗިރަންޖީވީ، މި ރިކޯޑު ގާއިމުކުރީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ދިގު މުއްދަތެއް ވަންދެން އެކްޓަރެއްގެ ހައިސިއްޔަތުންނާއި ނެށުންތެރިއެއްގެ ހައިސިއްޔަތުން ވެސް މަސައްކަތްކޮށްފައިވާތީއެވެ. މިދިޔަ އާދީއްތަ ދުވަހު މި ކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފުލާއެއްގައި މެގަ ސްޓަ ޗިރަންޖީވީއަށް މި ކަމާ ގުޅޭ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ފިލްމު އިންޑަސްޓްރީގައި ހޭދަކުރި 45 ވަރަކަށް އަހަރު ތެރޭ ޗިރަންޖީވީ ވަނީ 156 ފިލްމެއްގައި ހިމެނޭ 537 ލަވައަކުން ފެނިފައެވެ. މިއިން ކޮންމެ ލަވައެއްގައި ވެސް އިންޑިއާގެ ދެކުނުގެ އާދަކާދައާއި ވައްޓަފާޅި ދައްކުވައިދޭ ސަގާފީ ނެށުންތައް އެކްޓަރު ވަނީ ދައްކުވައިދީފައެވެ.

މި ރިކޯޑާ ހަވާލުވުމަށް ފަހު ޗިރަންޖީ ބުނެފައިވަނީ މިފަދަ ޝަރަފެއް ލިބުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އުފާކަމަށާއި އެވޯޑަކަށް ވުރެ ވެސް އެ ޝަރަފުގެ އަގު ބޮޑު ކަމަށެވެ.

"މިއީ ހަނދާން ނައްތައިނުލެވޭނެ ވަގުތެއް. އަހަރެން ވޯލްޑް ރިކޯޑްސްއިން ބަލައިގަތުމަކަށް އެދުނީކީ ނޫން. އެކަމަކު އަހަރެންގެ ނެށުންތަކަށް މިފަދަ ޝަރަފެއް ލިބުމަކީ ވަރަށް އުފާވެރި ކަމެއް،" ސައުތު ސިނަމާގެ އެންމެ ނުފޫޒު ގަދަ އެކްޓަރު ބުނެފައިވެއެވެ.

ޗިރަންޖީވީ ދަރިފުޅު/އެކްޓަރު ރާމް ޗަރަންއާ އެކު--ފޮޓޯ/ޕިންކްވިލާ

މި ޝަރަފު ލިބުމާ ގުޅިގެން ހުރިހާ ޝުކުރެއް ހައްގު ވަނީ ކެރިއަރުގައި ކުޅުނު ގިނަ ފިލްމުތައް އުފެއްދި ޕްރޮޑިއުސަރުންނަށާއި އެ ފިލްމުތަކުގައި ކޮރިއަގްރާފަރުންގެ ގޮތުގައި މަސައްކަތްކުރި ނެށުންތެރިންނަށް ކަމަށް ޗިރަންޖީވީ ވަނީ ބުނެފައެވެ.

ޗިރަންޖީވީގެ ކެރިއަރަށް އިތުރުވި މި ކާމިޔާބީއަކީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ތެލުގޫ އެކްޓަރުންނަށް ހޯދައިދެވުނު ވަރަށް ބޮޑު ކާމިޔާބީއަކާ ފަޚުރެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ބައިވެރިވި ބޮލީވުޑް އެކްޓަރު އާމިރު ޚާން ވަނީ ސިފަކޮށްފައެވެ.

ޗިރަންޖީވީގެ ފިޔަވަޅު މަތިން އަގުހުރި ފިލާވަޅުތަކެއް ދަސްކުރުމަށް ފަހު އެކްޓަރުގެ ދަރިފުޅު ރާމް ޗަރަން ވެސް ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅިފައެވެ. ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް"ގެ އެކްޓަރަކީ ތެލުގޫ ސިނަމާގެ އެންމެ އަގު ބޮޑު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރެކެވެ.