އަންނަ އަހަރުގެ މާޗު މަހު ބާއްވާ 97 ވަނަ އެކަޑެމީ އެވޯޑްސް (އޮސްކާ އެވޯޑްސް)އަށް އިންޑިއާއިން ރަސްމީކޮށް ހުށަހަޅާފައިވާ ފިލްމަކީ "ލާޕަތާ ލޭޑީސް"ކަން އިއުލާނުކޮށްފިއެވެ.

ފިލްމު ފެޑަރޭޝަން އޮފް އިންޑިއާ (އެއެފްއައި)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާއިން ހުށަހަޅާ ފިލްމަކީ ޑައިރެކްޓަރު ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" ކަމަށެވެ.

އާމިރު ޚާންގެ ކުރީގެ އަންހެނުން ޑައިރެކްޓްކުރި މި ފިލްމަކީ އާމިރު ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމެކެވެ.

މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބުގެ އިތުރުން ފިލްމުގައި ގެނެސްދިން ވާހަކައިގެ ސާދާކަމާއި ފުރިހަމަކަމުގެ މައްޗަށް ބެލުމަށް ފަހު، ވަރަށް ގިނަ ބަޔަކު މީގެ ކުރިން ވެސް ބުނެފައިވަނީ މިއީ އޮސްކާ އެވޯޑަށް ހުށަހަޅަން އެންމެ އެކަށީގެންވާ ފިލްމު ކަމަށެވެ.

ފިލްމު "ލާޕަތާ ލޭޑީސް"ގެ ޕޯސްޓަރެއް އަދި ޑައިރެކްޓަރު ކިރަން ރާއޯ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމު އޮސްކާ އެވޯޑްސްއަށް ހުށަހެޅިކަން ޔަގީންވެ، ރަސްމީކޮށް އެކަން އިއުލާނުކުރުމާ ގުޅިގެން ޑައިރެކްޓަރު ކިރަން ރާއޯ ވަނީ އެ ކަމާ ފަޚުރުވެރިވާ ކަމަށް ބުނެ، އުފާފާޅުކޮށްފައެވެ. މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފަންވެ، ދިރުން ގެނެވުނު ފިލްމެއް ކަމަށާއި އޮސްކާއަށް ފިލްމު ހުށަހެޅިކަން ޔަގީންވުމަކީ މުޅި ޓީމުން ވަރުބަލި ކަމެއް ނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ހަމައެއާ އެކު ފިލްމުގެ ސިލެކްޝަން ކޮމިޓީއަށާއި މި ފިލްމުގެ ޓީމަށް އިތުބާރުކުރި އެންމެހައި ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށް ކިރަން ވަނީ ބުނެފައެވެ.

އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދިން މި ފިލްމު ނެޓްފްލިކްސްގައި ވަނީ ސްޓްރީމްކުރަން ފަށާފައެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވާފައިވަނީ މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.