23 Sep 2024, 23:33
ރައްޔިތުންނަށް އިސްކަން ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީން އިސްކުރަނީ ހަމަ އެކަނި އެ ޕާޓީގެ މެންބަރުންގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކުންފުނިތަކާއި މުއްސަސާތަކުން ވަޒީފާގެ ބިރު ދެއްކުމާއި ގަވާއިދާ ޚިލާފަށް މީހުން ވަޒީފާއިން ވަކިކުރާ ކަމުގެ ކަންބޮޑުވުން މި ފަހުން ވެސް އެމްޑީޕީން ދަނީ ވަނީ ފާޅުކޮށްފައެވެ.
އެމްޑީޕީގެ ހަވަރު ބެރުގެ ނަމުގައި ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަނީ އެ ޕާޓީއާ އިދިކޮޅު ފިކުރުގެ މީހުން ސަލާން ޖަހުވަން ކަމަށެވެ. އެގޮތުން، ސަރުކާރު ވަޒީފާތަކުގައި އުޅޭ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެތައް ބަޔަކު ލޯނުތައް ނުދެއްކި، އެހެން މީހުން ގާތުގައި ފައިސާއަށް ސަލާންޖަހަން ޖެހިފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ.
"މި ބޭފުޅުންގެ ބޭނުމަކީ ހަމަ ރައްޔިތުން ސަލާން ޖެހުވުން. އެއީ މި ބޭފުޅުންނާ އިދިކޮޅު ފިކުރުގެ ބައެއް ކަމަށް ވެއްޖިއްޔާ އަމުދުން އެ ގޮތަށް އެ މަސައްކަތް ކުރަމުން ގެންދަނީ. ހަގީގަތުގައި ރައްޔިތުން ބިކަކޮށް، މި ބޭފުޅުންނަށް ރައްޔިތުން ޑިޕެންޑުކުރުވުމަކީ އެންމެ ބޮޑު މަގުސަދު ކަމަށް އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވެނީ" ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުތަކުގެ މުވައްޒަފުންނަކީ ގައުމަށް ޚިދުމަތް ކުރުމުގައި ތިބޭ ބައެއް ކަމަށެވެ. އަދި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ އެ ފަރާތްތަކަށް ވެސް ގާނޫނުން ލިބިދީފައި އޮންނަ ހައްގެއްކަން ދީދީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ދީދީ ވިދާޅުވި ގޮތުގައި އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ބަޔަކު ވެރިކަމުގައި ތިބޭއިރު، ވަޒީފާތަކުގައި ވެސް ބައިތިއްބަން ބޭނުންވަނީ އެ ފިކުރުގެ މީހުންނެވެ. އެހެން ނަމަވެސް އެމްޑީޕީއަކީ ރައްޔިތުންނަށް ވިސްނާ ޕާޓީއެއް ކަމަށާއި، ސިޔާސީ ފިކުރަށް ބަލައި އެ ޕާޓީން ރައްޔިތުންނާ މެދު ތަފާތުކުރުންތައް ގެންގުޅެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޅުގަނޑުމެން ކެމްޕޭނުގައި އުޅުނު ދުވަސްވަރު އެކި ރަށްރަށަށް ދާއިރު ވަރަށް ގިނައިން އަންނަ ޝަކުވާއެއް، މިވެނި ބޭފުޅަކީ ޕީއެންސީ ބޭފުޅެކޭ، ކީއްވެގެންހޭ ވަޒީފާގައި މި އިންނަނީ. އެމްޑީޕީއަކީ އަބަދު ވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ ޕާޓީއެއް" ދީދީ ވިދާޅުވިއެވެ.
މުޅި ގައުމަށް އިގްތިޞާދީ ދަތިކަން ދިމާވެފައި އޮތް ދަނޑިވަޅެއްގައި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށް ބުނެ އެމްޑީޕީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ގޮތުން ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކޮށްގެން ބައެއް ރަށްތަކުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ފެނަކައިން މި ފަހުން ވަނީ އެ ކުންފުނީގައި ތިބި ވަގުތީ މުވައްޒަފުން ވަކިކުރުމަށް ނިންމައިފައެވެ.