23 Sep 2024, 23:25
ފެނަކައިން ތައާރަފުކުރާ ސަމާޓް މީޓަރާއެކު ކަރަންޓު އިގްތިޞާދުކުރުމަށް ފަސޭހަ ވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ސްމާޓް މީޓަރުގެ މުޅި ޕްރޮޖެކްޓް ހުރިހާ ރަށެއްގައި ހިންގަންފެށުމުން ސްމާޓް މީޓަރު މެދުވެރިކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށެވެ.
އަދި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް ޓައިމް އޮފް ޔޫސް ޓެރިފް ބޭނުންކުރުމަށް ގަސްތުކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާޝިތު ވިދާޅުވި ގޮތުގައި ޓައިމް އޮފް ޔޫސް ޓެރިފްގައި ވާގޮތުންނަމަ ސްމާޓް މީޓަރުން މިނެޓުން މިނެޓަށް ސިކުންތުން ސިކުންތަށް ބޭނުންކުރެވޭ މިންވަރަކީ ކިހާވަރެއްކަން ބަލާލެވޭނެއެވެ. އެހެންކަމުން ކޮންމެ ގަޑިއިރަކަށް ބިލްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ޕީކް ގަޑިތަކުގައި ކަރަންޓު އުފެއްދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.
"ޕީކް މިވަނީ މެންދުރު 10 އަކާ ދެއަކާ ދޭތެރޭ، އެހެންވީމަ ޕީކް ގަޑީގަ ޕީކް ކަރަންޓު އުފައްދަން ވަރަށް ބޮޑު ހޭދައެއް އެބަ ކުރަންޖެހޭ ތެލަށް. އެއް ޖަނަރޭޓަރުން ނުވެގެން ދެ ޖަނަރޭޓަރު ޖައްސަންޖެހޭ." ނާޝިތު ވިދާޅުވިއެވެ.
"މިސާލަކަށް ޕީކް ގަޑީގަ އިސްތިރިކުރާ އެންމެންތައް ޕީކް ނޫން ގަޑިއެއްގައި އިސްތިރިކުރަން ގޮސްފިއްޔާމު އަޅުގަނޑުމެންނަށް އެ ޕީކް އެބަ ކުޑަ ކުޑަކޮށްލެވޭ އެންކަމުން ތެލަށް ކުރާ ހޭދަ އެބަ ކުޑަކޮށްލެވޭ." ނާޝިތު ވިދާޅުވިއެވެ.
ނާޝިތު ވިދާޅުވީ، ބޭނުންވަނީ ޕީކް ނޫން ގަޑިއާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އޭގެ ސަބަބުން ކަރަންޓު އުފައްދަން ކުރާ ޚަރަދު ކުޑަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާޝިތު ވިދާޅުވީ ކަރަންޓު އުފައްދަން ކުރާ ޚަރަދު ކުޑަކުރެވުމުން އޭގެ މަންފާ ކަރަންޓު ބޭނުންކުރާ މީހުންނަށް ލިބޭނެކަމަށެވެ. އެހެންކަމުން ޓައިމް އޮފް ޔޫސް ޓެރިފް ބޭނުން ކޮށްގެން ކަރަންޓު އިގްތިޞާދުކުރުމަށް ސްމާޓް މީޓާސްގެ ސަބަބުން މަގުފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ކަރަންޓު އިގްތިޞާދުކޮށް ބޭނުންކުރެވޭނެ ގޮތްތަކުގެ އެވެއާނެސް ޕްރޮގްރާމްތައް ވެސް ރާވާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.