ގޫގުލްގެ ސީއީއޯ ސުންދާ ޕިޗާއީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަޢުލީމަށް 120 މިލިއަން ޑޮލަރުގެ ފަންޑެއް އިޢުލާނުކޮށްފިއެވެ.

އދ. ގެ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ވާހަކަފުޅު ދައްކަވަމުން، ގޫގުލްގެ ސީއީއޯ ސުންދާ ޕިޗާއީ ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ "އެންމެ ބޮޑު ބަދަލެއް ގެނެސްދޭނެ ޓެކްނޮލޮޖީ" ކަމަށް ވިދާޅުވެފައެވެ. އަދި މި ދާއިރާއިން މުޅި ދުނިޔޭގައި ތަޢުލީމާއި ތަމްރީނު ދިނުމަށް އާ ފަންޑެއް އޭނާވަނީ އިޢުލާނުކުރައްވާފައެވެ.

ޕިޗާއީ ފާހަގަކުރެއްވި ގޮތުގައި އޭއައި އިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުޅުވިގެންދާނެ ހަތަރު ފުރުޞަތަކީ:
1. މީހުންނަށް އެމީހުންގެ އަމިއްލަ ބަހުން މަޢުލޫމާތު ލިބުމަށް އެހީތެރިވުން
2. ސައިންޓިފިކް ދިރާސާތައް އަވަސްކުރުން
3. މޫސުމީ ކާރިސާތަކާ ގުޅޭ އިންޒާރުތަކާއި ޓްރެކިން ފޯރުކޮށްދިނުން
4. އިޤްތިޞާދީ ކުރިއެރުން އަވަސްކުރުން

އދ.ގެ "ސަމިޓް އޮފް ދަ ފިއުޗާ" ގައި މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އޭއައި އިން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރެއިން ޑީޕްފޭކްތައް އުފެއްދުން ފަދަ ކަންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕިޗާއީ ވިދާޅުވީ ދުނިޔޭގައި "އޭއައި ތަފާތުކުރުން" އުފެދިދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ކަމާބެހޭ ފަރާތްތަކުން ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ގޫގުލްއިން އޭއައި ތައުލީމަށް ހޭދަކުރުމަށް އުފައްދާ 120 މިލިއަން ޑޮލަރުގެ "ގްލޯބަލް އޭއައި އޮޕޮޗުނިޓީ ފަންޑް"ގެ ދަށުން ލޯކަލް އެންޖީއޯތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭއައި ތަޢުލީމާއި ތަމްރީނު ފޯރުކޮށްދެއްވާނެ ކަމަށް ޕިޗާއީ ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން، އޭއައި އާ ގުޅޭގޮތުން "ވިސްނުންތެރި ޕްރޮޑަކްޓް ރެގިއުލޭޝަން" ތަކެއް ގެންގުޅުމަށް ޕިޗާއީ ގޮވާލެއްވިއެވެ. އެހެންނޫންނަމަ، ރެގިއުލޭޝަންތަކުގެ ސަބަބުން "އޭއައި ތަފާތުކުރުން އިތުރުވެ، އޭއައި ގެ ފައިދާތައް މަދުވެގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.