އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިޓާޗީ ކުންފުނީގެ އެހީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ހިލޭ ދިނުމަށް އެއްބަސްވެފައި ވަނިކޮށް، އެ ކުންފުންޏާއި އެކަން ހަވާލުނުކޮށް، އިގިރޭސި ވިލާތުގެ ބައިވޯޓާ ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރަގެ މެންބަރު ރިޔާޒު ރަޝީދު އެވެ.

އެ ގަރާރުގައި ބުނަނީ ބައިވޯޓާ ކުންފުންޏާއި އެމަސައްކަތް ހަވާލުކުރުމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ހިލޭ ލިބިދެވެން އޮތް ޚިދުމަތަކަށް ސަރުކާރުން އާދަޔާއި ޚިލާފު ބޮޑު ހޭދައެއްކޮށް، މިއަދާއި ހަމައަށްވެސް ޚިދުމަތް ލިބެންފަށާފައި ނުވާކަމަށެވެ.

އެ ގަރާރުގައި ބުނަނީ އެމްޑަބްލިއުއެސްސީގެ ހިއްސާ ހިޓާޗީ ކުންފުންޏަށް ވިއްކާލުމުން އެކުންފުނިން އައްޑޫގެ ފެނާއި ނަރުދަމާގެ އެންމެހައި ކަމެއް މުޅިން ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުނުކޮށް ނަޝީދުގެ ގާތްމީހުންގެ މަސްލަހަތު އޮންނަކަމަށް ބެލެވޭ އިގިރޭސިވިލާތުގެ އެ ކުންފުންޏާއި މަޝްރޫއު ހަވާލުކުރީ ސަރުކާރު ބަޖެޓުން 15 މިލިއަން ޑޮލަރު ހޭދަކޮށްގެން ކަމަށް އެ ގަރާރުގައި ބުނެ އެވެ.

އެ ގަރާރުގައި އަދި ބުނެފައިވަނީ ބައިވޯޓާ ކުންފުންޏާއި އެ މަޝްރޫއު ހަވާލުކުރީ އެކުންފުނިން އެ މަޝްރޫއަށް 28 މިލިއަން ޑޮލަރު އިންވެސްޓުކުރުމަށް އެއްބަސްވުމުން ކަމަށް ވީ ނަމަވެސް ކުންފުނިން އެ މަޝްރޫއަށް ފައިސާ އިންވެސްޓުކުރަން ހަމަޖެހިފައިވަނީ ސަރުކާރުން ދޭ ގެރެންޓީއެއްގެ މައްޗަށް ނަގާ 28 މިލިއަން ޑޮލަރުގެ ލޯނަކުންކަމަށެވެ. އަދި ބައިވޯޓާ އިން އެ ލޯން އަދާނުކޮށްފިނަމަ އެ ލޯން އަނބުރާ ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ހިލޭ ލިބެން އޮތް ޚިދުމަތަކުން އެ ސިޓީގެ ރައްޔިތުން މަހުރޫމުވެ، މިއަދާއި ހަމައަށްވެސް ފެނާއި ނަރުދަމާގެ ޚިދުމަތް އައްޑޫ ރައްޔިތުންނަށް ލިބިދީފައި ނުވަނީ ނަޝީދު ގަސްތުގައި އައްޑޫގެ ރައްޔިތުންނަށް ދެރައެއްދިނުމުގެ ގޮތުން އެކަން ކޮށްފައިވާތީ ކަމަށްވެސް ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

ރިޔާޒު ރަޝީދު ވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކުރައްވާފައިވާ ގާނޫނީ ގަވާއިދާއި ހިލާފުކަންތައްތައް ތަހުގީގު ކުރުމުގެ ގަރާރެއް މަޖިލީހަށް މިދިޔަ ހަފްތާވެސް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރު މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.