00:00


ބޮޑެތި އަދަބުތަކެއް ކަނޑައަޅިފައިވާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލާއި، ގޭންގް ކުށްތައް މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.


ޖުމްލަ 22 މާއްދާ ހިމެނޭ، ގޭންގް ކުށްތައް މަނާކުރުމުގެ ބިލުގައި، ޣައިރު ގާނޫނީ އަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށް ވުމާއި، ލީޑަރުކަން ކުރުމާއި، ލީޑަރެއްގެ ދައުރު އަދާ ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބަކީ، އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއްވެސް މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން، ހާމަކުރާ އިބާރާތަކުން ނުވަތަ ހާމަކުރާ އެއްވެސް ބާވަތެއްގެ ނިޝާނަކުން ނުވަތަ އެނޫންވެސް ގޮތަކުން އެ މީހަކީ ގޭންގެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބަކީ، ހަ މަހާއި އަށާރަ މަސްދުވަހާ ދެމެދުގެ އަދަދަކަށް ޖަލަށްލުން ކަމށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއްވެސް ގޭންގަކާ ބެހޭ މައުލޫމާތު ހިމެނޭ ގޮތަށް ވެބްސައިޓެއް ތައްޔާރުކޮށް ނުވަތަ މުވާސަލާތީ އެއްވެސް ވަސީލަތެއް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމާއި، ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ސިއްކައެއް ނުވަތަ ލޯގޯއެއް އެއްވެސް ތަނެއްގައި ކުރެހުމާއި ހަރުކުރުމަކީ، ބެހެއްޓުމަކީ، ނުވަތަ ހާމަ ކުރުމާއި، މިފަދަ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، މިކުށްކޮށްފިނަމަ އަދަބަކީ ވެސް ހަ މަހާ އަށާރަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެކިއެކި ޖިނާއީ ކުށް ކުރުމަށްޓަކައި އުފައްދާ ގޭންގުތަކާއި ގޭންގުތަކުގެ މެންބަރުންނަށް މާލީ، އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ، ފަންސާސްހާސް ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއިއެކު ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި ގޭންގަކަށް ވެއްދުމަށް ނުވަތަ ގޭންގެއްގައި، ނުވަތަ ގޭންގެއްގެ ހަރަކާތެއްގައި ބައިވެރި ކުރުމަށް އެއްވެސް މީހަކު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި އެ ކުށުގެ އަދަބަކީ ވެސް ހަ މަހާއި އަށާރަ މަސް ދުވާހާ ދެމެދުގެ މުއްދަތަކަށް ޖަލުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭފަދަ އެއްޗެއް، އުފެއްދުމާއި، ދިނުމާއި، ގެންގުޅުމާއި، އަދި އެތެރެ ކުރުމާއި، ތިންމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ތިބެ އަނެކާއަށް ހަމަލާ ދީފާނެކަމުގެ އިންޒާރު ދިނުމަކީ ކުށެއްކަމަށް ކަނޑައަޅައި، އަދަބަކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި ގްރޫޕު ހަދައިގެން މާރާމާރީ ހިންގުމާއި އެކަމުގައި ބައިވެރިވި ކަމުގެ ކުށުގެ އަދަބަކީ ތިން އަހަރާއި ބާރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅައިފަ އެވެ.


ހަތް މާއްދާއެއްގެ މައްޗަށް ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ބިލުގައި، މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދީފާނެ ކަމަށް ބިރު ދައްކައި އިންޒާރުދޭ މީހަކަށް، ހަ މަސް ދުވަހާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އަދި މަގްބޫލު ސަބަބެއް ނެތި އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާއްމު ތަނެއްގައި ގެންގުޅުމަކީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކަށް، ހަ މަސް ދުވަހާއި، ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން މި ބިލުގައި ހަތިޔާރުކަމަށާއި ތޫނު އެއްޗެހި ކަމަށް ބުނާ އެއްވެސް އެއްޗެއް ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި، ރާއްޖެއަށް އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށާއި، އެ ކުށުގެ އަދަބަކީ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ވަޅި ފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައިވެ އެވެ.


17:00


ގޭންގް އުފައްދައި ގޭންގްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެހީތެރިވެދޭ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައިގެން ގޭންގް ކުށްތައް މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރާ ހިސާބުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާގޮތަށް ބިލުގައި ހިމަނާފައިވާ އިރު، ޣައިރު ގާނޫނީ އަމަލުތައް ހިންގުމަށް ގޭންގް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށް ވުމަކީ ކުށެއް ކަމަށާއި، އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުމަކީ، ކުށެއްކަމަށް ކަނޑައަޅައި، އެފަދަ ކުށްތައްކުރާ ފަރާތްތަކަށް އަދަބުގެ ގޮތުގައި، އެއް އަހަރު ދުވަހާއި ހަތް އަހަރު ދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި އެއްވެސް މީހަކު ބުނާ ބަހަކުން، ނުވަތަ ކުރާ ކަމަކުން، ނުވަތަ ހާމަކުރާ އިބާރާތަކުން ނުވަތަ ހާމަކުރާ އެއްވެސް ބާވަތެއްގެ ނިޝާނަކުން ނުވަތަ އެނޫން ވެސް ގޮތަކަށް އެމީހަކީ ގޭންގެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެއްކަމަށާއި އެފަދަކުށެއް ކޮށްފި މީހަކު ހަ މަސްދުވަހާ އަށާރަ މަސްދުވަހާ ދެމެދުގެ މުއްދަކަށް ޖަލަށްލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި ގޭންގްތަކުގެ މެންބަރުންނަށް މާލީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދޭ މީހުން، ފަންސާސްހާސް ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކޮށް ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވެސް މި ބިލުގައި ހިމާފައިވެ އެވެ.


ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރާ މީހަކު ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ސައުވީސް ގަޑިއިރަށް ކަމަށް ބުނެފައިވީނަމަވެސް، އެ މުއްދަތު 10 ދުވަހަށް އިތުރު ކުރެވޭގޮތަށް މި ބިލުގައި ހިމަނާފައިވާ މާއްދާ އުނިކުރުމަށް މެބްރަކު ހުށަހެޅުއްވި އިސްލާހް ފާސްވުމާ ގުޅިގެން ބިލު ފާސްވެފައިވަނީ އެ މާއްދާ ނުހިމަނަ އެވެ.


ވިހި މާއްދާގެ މައްޗަށް އެކުލެވިފައިވާ މި ބިލުގައި ގޭންގުގެ ނިޝާން ގެންގުޅުމާއި ފާފުފާރުގައި ކުރެހުމާއި، އެފަދަ ނިޝާން ރާއްޖެއަށް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ ކަންތައްތަކަށް ދޭނެ އަދަބު ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.