23 Sep 2024, 20:50
ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރު އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ޕޮލިޓިކަލް ބިއުރޯގެ ސެންޓްރަލް ކޮމިޓީގެ މެންބަރު ވާންގް ޔީ ދެއްވައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު މި ޔަގީންކަން ދެއްވީ އދ.ގެ 79ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި މަޝްވަރާ ކުރައްވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު, ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އެއްބަސްވުންތަކާއި މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ޗައިނާއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.
ދެ ލީޑަރުން ވެސް ވަނީ ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކާ ގުޅިގެން ހިއްސާކުރާ ކަންބޮޑުވުންތައް ހައްލުކުރުމަށް ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އދ.ގެ 79ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިތަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އދ.ގެ އާންމު މަޖިލިސް އޮންނަނީ އދ.ގެ ހެޑްކުއާޓާސްގައެވެ. އދ.ގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ.