23 Sep 2024, 19:02
ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ކުރިއަށްދިޔަ ލެވާ ކަޕްގެ ޗެމްޕިއަންކަން ޓީމް ޔޫރަޕުން ކާމިޔާބު ކޮށްފިއެވެ.
ޔޫރަޕްގެ ކުޅުންތެރިންނާއި ދުނިޔޭއިން ހޮވާލެވޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމް ވާލްޑްގެ މެދުގައި ކުޅޭ މިމުބާރާތް މިފަހަރު ޓީމް ޔޫރަޕްއިން ކާމިޔާބު ކޮށްފައިވަނީ 13 ޕޮއިންޓް 11 ޕޮއިންޓުންނެވެ. އެންމެ ފުރަތަމަ 13 ޕޮއިންޓް ހޯދާ ޓީމެއް މޮޅުވާ އުސޫލުން ކުޅެ މިމުބާރާތުގެ ފަހު ދުވަހުގެ ފަހު ދެ މެޗާ ކުރިމަތިލީއިރު ޓީމް ވާލްޑް އޮތީ 11 ޕޮއިންޓް 7 ޕޮއިންޓުން ކުރީގައެވެ.
ނަމަވެސް، ފަހު ދުވަހު މޮޅުވާ ކޮންމެ މެޗަކަށް ތިން ޕޮއިންޓް ލިބެން އޮތުމާއެކު ޓީމް ޔޫރަޕް ތަމްސީލްކުރި ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް އާއި ޓީމް ވާލްޑް ތަމްސީލް ކުރި އެމެރިކާގެ ފްރަންސެސް ޓިއަފޯ ބައްދަލުކުރި މެޗު ހަތެއް ހަތެއް އަދި ހަތެއް ފަހަކުން އެއްވަރުވުމުން ކުޅުނު ޓައި ބްރޭކް ދިހައެއް ފަހަކުން ކާމިޔާބުކޮށް ޒުވަރޭވް ވަނީ ދެޓީމުގެ މެދުގައި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ.
އަދި މިއާއެކު އެންމެ ފަހު މެޗުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ. އެއީ ހައެއް ދެއެއް އަދި ހަތެއް ފަހަކުންނެވެ.
މިހާތަނަށް ލެވާ ކަޕްގެ ހަތް މުބާރާތް ބާއްވާފައިވާއިރު ޓީމް ޔޫރަޕްއިން މިފަހަރާއެކު މިވަނީ ފަސް ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވަނީ ޓީމް ވާލްޑް އިންނެވެ.
މިދިޔަ އަހަރުގެ މުބާރާތް ޓީމް ވޯލްޑް އިން ކާމިޔާބު ކޮށްފައިވަނީ 13 ޕޮއިންޓް ދެ ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިފަހަރު މުހިންމު ދައުރެއް އަދާކުރި އަލްކަރާޒް މިއީ މިމުބާރާތުގައި ވާދަކުރި ފުރަތަަމަ ފަހަރެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ މިފަހަރު ޓީމް ޔޫރަޕް މިމުބާރާތަށް ކުރިމަތިލާފައިވަނީ އަމާޒަކާއެކު ކަމަށާއި އެއީ ލެވާ ކަޕް ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށެވެ. އަދި އެކަން ހާސިލް ކުރެވުމުން ވަރަށް ހިތްހަމަ ޖެހޭކަމުގައިވެސް އޭނާ ހާމަކުރިއެވެ. މިއަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސެން ފްރަންސިސްކޯގައެވެ.