ދިވެހި ބްރޮޑްކާސްޓަރުން އަމަލު ކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑު، ބްރޮޑްކާސްޓަރުން ރެގިއުލޭޓް ކުރާ ކޮމިޝަން، މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އެ މިންގަނޑު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް އިއުލާންކޮށްފަ އެވެ. އެ މިންގަނޑު އެކުލަވާލައިފައިވަނީ ބްރޮޑްކާސްޓަރުންގެ މަޝްވަރާގެ މަތިންނެވެ.

ބްރޮޑްކާސްޓް ކުރުމުގައި ހަ ދާއިރާއަކަށް ބްރޮޑްކާސްޓަރުން އިހުތިރާމް ކުރަންޖެހެ އެވެ. އެއީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޖުތިމާއީ އަހުލާގު ހިފެހެއްޓުމާއި އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރި ކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ތެދުވެރިކަމާއި އިންސާފުވެރި ކަމާ އެކު ހަބަރުފެތުރުމެވެ.

އެގޮތުން ކުޑަކުދިންނާއި އަންހެނުން ހިމާޔަތް ކުރުމާއި ހާއްސަ ގުދުރަތީ ހާދިސާތައް ކަވަރު ކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކެއްވެސް ވަނީ ކަނޑައެޅިފަ އެވެ.

އެ ގާނޫނުގެ ދަށުން ބްރޮޑްކާސްޓް ކުރާ ފަރާތްތަކުން އެއްވެސް ގާނޫނެއްގެ ބާރު ކަޑުވާލުމަށް ނޫނީ މުޖުމަތައުގެ އާންމު ސުލޫކީ މިންގަނޑާއި ހިލާފު މަންޒަރާއި އަޑު ފޮނުވުމަކީ މަނާކަމެކެވެ. އަދި މާރާމާރީ އާއި ތަޅާފޮޅުން އަދި އަނިޔާވެރިކަމަށް ޖާގަ ދިނުން އަދި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ އެއްވެސް އެއްޗެއް ބްރޮޑްކާސްޓް ކުރުން އެ މިންގަނޑުގެ ދަށުން މަނާވެގެން ދާނެ އެވެ.

އަދި އަންހެނުންގެ ދަރަޖައަށް ހުތުރުވާގޮތައް ނޫނީ އަންހެނުންގެ ދަރަޖަ ވެއްޓޭގޮތައް ނޫނީ ކުޑަކުދިންނަށް އަސަރުކުރާ ނޫނީ އުނިކަމެއް ލިބޭގޮތައް ބްރޮޑްކާސްޓަރުން އަމަލުކުންވެސް ވަނީ މަނާކުރެވިފަ އެވެ. އަދި ސިޔާސީ އިޖުތިމާއީ އެކި ޕްރޮގްރާމްތައް އުފެއްދުމުގައި ދެ ޖިންސަށްވެސް ހަމަ ހަމަ ފުރުސަތުތަކެއްވެސް އެ މިންގަނޑުގެ ތެރެއިން ލިބިދޭންޖެހެ އެވެ.
އަދި އިޝްތިހާރުތައް ފަދަ ތަކެތި ތައްޔާރުކުރުމުގައި އެއަށް ޝައުގުވެރި ކުރުވުމަށް އަންހެނުންގެ ގަދަރާއި ކަރާމަތައް ހުތުރުވާނެ ގޮތައް އެފަދަ ތަކެތި ތައްޔާރުކޮށް ބްރޮޑްކާސްޓް ނުކުރުން ހިމެނެ އެވެ.

ބްރޮޑްކާސްޓަރުންގެ ސުލޫކީ މިންގަނޑަކީ ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ 28 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލައިފައިވާ މިންގަނޑެކެވެ.