ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އެއްމިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި އެ ކޯޓާއި އަމިއްލަ ކުންފުންޏަކާ އެކު ސޮއި ކޮށްފި އެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބުނީ 1.2 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެ ޕްރޮޖެކްޓް ފާސްޓް ކޮންސްޓްރަކްޝަނާއި ހަވާލުކުރުން އޮތީ މިދިޔަ ހޯމަ ދުވަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ ކޮމްޕެނީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަރުހޫމް މުހައްމަދެވެ. ނިލަންދޫ ކޯޓުގެ ފަރާތުން ސޮއި ކުރެއްވީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓާ އަމްޖަދު ރަޝާދު ކަމަށްވެސް ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތް ކުރާ އެ އިމާރާތުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތަކީ 90 ދުވަސް ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބުނެ އެވެ.