އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކާ ކައިރި ސަރަހައްދުތަކުގައި އުޅޭ ބައެއް ދިވެހިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އެ ދިވެހިންނާ ބައްދަލުކުރެއްވީ 'އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ކަމަށްވާއިރު، ރައީސް ވަނީ ބައްދަލުވުމަށް ހާޒިރުވި ދިވެހިންނާ ވަކިވަކިން ބައްދަލު ކުރައްވައި، ވާހަކަފުޅުދައްކަވާފައެވެ.

އެ ބައްދަލުކުރުމުގެ ތެރެއިން، އެ ފަރާތްތަކުގެ ހާލު އަހުވާލު ރައީސް ވަނީ އޮޅުން ފިލުއްވާފައެވެ. އަދި، އެ ފަރާތްތަކަށް ކުރިމަތި ވަމުން އަންނަ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލައިވާފައިވާއިރު، އެކަންކަން ހައްލު ކުރަން ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

ރައީސް އެމެރިކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ހާލު އޮޅުންފިލުއްވުމުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، ރައީސް މުއިއްޒު ވަނީ އެމެރިކާގައި އުޅޭ ދިވެހިން ފާހަގަކުރި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައްޔިތުންގެ އަޑު އަހައިގެން ވީހާ ވެސް ގާތުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންނާ ބައްދަލު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.