ޤާހިރާ (ޖޫން 29) : މިސްރުގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޑރ. މުޙައްމަދު މަރްސީ ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވައި ވެރިކަމާ ޙަވާލުވެވަޑައިގަންނަވާނީ މާދާމާގެ ވަގުތެއްގައިކަމަށް އެޤައުމުގެ ދަސްތޫރީ ކޯޓުން ބުނެފި އެވެ.

މިސްރުގެ ދަސްތޫރީ އެންމެމަތީ ކޯޓުގެ ނައިބު ރައީސް، ޤާނޫނީ މުސްތަޝާރު މާހިރު ސާމީ ވިދާޅުވިގޮތުގައި ރައީސުލްމުންތަޚަބް ޑރ. މުޙައްމަދު މަރްސީ ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވާނީ ވެރިރަށް ޤާހިރާގައި ހުންނަ ދަސްތޫރީ އެންމެމަތީ ކޯޓުގެ ޖެނެރަލް އެސެމްބްލީގެ ކުރިމަތީގަ އެވެ.

މިއެސެމްބްލީގައި ހިމެނެނީ ޤާނޫނީ މުސްތަޝާރުންގެ 18 ތަޖްރިބާކާރުންގެ އިތުރުން އެކޯޓުގެ ކޮމިޝަނަރުންނެވެ. މިއީ މިސްރުގެ ރައީސަކު ވެރިކަމުގެ ހުވާ މިގޮތަށް ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސްކަމުގެ ހުވާކުރުމުގެ ކަންތައް މިގޮތަށް ގެންދިޔުމަށް ޑރ. މަރްސީއަށް ލަފާދެއްވާފައިވަނީ މިސްރުގެ ޤާނޫނީ އިސްމިސްތަޝާރުންނާއި ތަޖްރިބާކާރުންގެ ޓީމަކުންނެވެ.
މިސްރުގެ ރައީސުން ވެރިކަމުގެ ޤާނޫނީ ހުވާކުރައްވަނީ ޕާލަމެންޓްގެ ކުރިމަތީގަ އެވެ. މިސްރުގެ ދަސްތޫރީ އެންމެމަތީ ކޯޓުން ދާދިފަހުންވަނީ ޤާނޫނީ މައްސަލައަކާގުޅިގެން ޕާލަމެންޓް އުވާލައި އަލުން އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓް އެކުލަވާލުމުގެ ޙުކުމެއް އިއްވާފައެވެ. ނަމަވެސް މިޙުކުމާމެދު މިސްރުގެ ސިޔާސީ ފަރާތްތަކުގެ މެދުގައިވަނީ ޚިޔާލުތަފާތުވެފަ އެވެ.

އައު ރައީސް ޑރ. މަރްސީ، ދަސްތޫރީ އެންމެމަތީ ކޯޓުގެ ޖެނެރަލް އެސެމްބްލީގެ ކުރިމަތީގައި ވެރިކަމުގެ ޤާނޫނީ ހުވާކުރެއްވުމަކީ ޕާލަމެންޓް އުވާލުމަށް އެކޯޓުންކުރި ޙުކުމަށް ޑރ. މަރްސީ ތާއީދުކުރެއްވުން ކަމަށާ މިއީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށް މިސްރަށް ގެނައި ރައްޔިތުންގެ އިންޤިލާބުގެ އިސް އެކްޓިވިސްޓުން ދެކެ އެވެ. ޑރ. މަރްސީ ވެރިކަމަށް އިންތިޚާބު ކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފަރާތްތަކަކީވެސް ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށްފަހު މިސްރަށް ރައްޔިތުންގެ އިންޤިލާބުގެނައުމުގެ ފަހަތުގައިވާ އިސް އެކްޓިވިސްޓުންނެވެ. ނަމަވެސް ޑރ. މަރްސީގެ ތަރްޖަމާން ޔާސިރު ޢަލީވަނީ މިސްރުގެ ޤާނޫނަށާއި ކޯޓްތަކުގެ ޙުކުމްތަކަށް ޑރ. މަރްސީއާއި އޭނާގެ ސަރުކާރުން ފުރިހަމައަށް ތަބާވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މަޑުމައިތިރިވެ ޤާނޫނަށް ބޯލެނބުމަށް ޑރ. މަރްސީގެ ސަޕޯޓަރުންނަށް ނަސީހަތްތެރިވެވަޑައިގެންފަ އެވެ.

ދަސްތޫރީ އެންމެމަތީ ކޯޓުގެ ޖެނެރަލް އެސެމްބްލީއާއި އެކޯޓުގެ ކޮމިޝަނަރުން ބައްދަލުކުރުމަށްފަހު މިހާރުގެންދަނީ ދރ. މަރްސީ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ކަންތައްތައް ކުރަމުންނެވެ. ޑރ. މަރްސީ މިއަދު ހުކުރުނަމާދަށް އަލްއަޒްހަރު ޔުނިވަރސިޓީގެ ހުކުރު މިސްކިތަށް ވަޑައިގެންނެވުމަށްފަހު، މިސްރުގައި ވަގުތީގޮތުން ވެރިކަންކުރާ ޢަސްކަރީ މަޖިލީހުގެ އަތްދަށުގައިވާ ވެރިކަމުގެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކުރުމަށް ގޮވާލައި މިސްރުގެ ރައްޔިތުންގެ ތެރެއިން މިލިޔަނެއްހާ މީހުން ޤާހިރާގެ މައިދާނުއްތަހްރީރުގައިހުކުރުނަމާދަށް ފަހު ބާއްވާ މުޒާހަރާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާގެ ތަރްޖަމާން ތަރްޖަމާން ޔާސިރު ޢަލީ ވިދާޅު ވިއެވެ. (މިސްރުގެ މީޑިޔާ)