23 Sep 2024, 08:47
ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން ބޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަވާދު ޚާން ބޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި އަހަރުގެ ޖުލައި މަހު ވެސް އެކްޓަރު ބޮލީވުޑްގެ އެހެން ފިލްމަކަށް ސޮއިކޮށްފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ބޮލީވުޑް ފިލްމު "އޭ ދިލްހެ މުޝްކިލް"ގެ ހާއްސަ ފެނިލުމަކުން އެންމެ ފަހުން ފެނުނު ފަވާދު ޚާން ވަނީ ޓެލެވިޒަން ބަތަލާ ރިދީ ދޯގްރާއާ އެކު ފިލްމަކަށް ސޮއިކޮށްފައެވެ.

ފަވާދު ޚާން ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާއާ އެކު ފިލްމު "އޭ ދިލްހެ މުޝްކިލް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލަ
މި ފިލްމަކީ، ރޮމޭޏްޓިކް ކޮމެޑީ ޑްރާމާއެއް ކަމަށާއި ފަވާދު އާއި ރިދީ އެކީގައި މަސައްކަތް ކުރާ މި ފިލްމަކީ ވަރަށް ހާއްސަ ތިއޭޓަ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިދީ އާއި ފަވާދު ޚާންގެ އިތުރުން މި ޕްރޮޖެކްޓުން ސަޕޯޓިންގް އެކްޓަރުންގެ ގޮތުފައި ތަރިން ފެންނާނެ ކަމަށާއި ނަމަވެސް އެއީ ކޮން ފިލްމީ ތަރިންނެއްކަން އަދި ކަށަވަރެއް ނުވެއެވެ.
މި އަހަރުގެ ޑިސެމްބަރު މަހު މި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމު ބެލުންތެރިންނާ ހަމައަށް ގެންނަން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ހުއްދަ އިންޑިއާގެ ސަރުކާރުން ދިނުމާއެކު ޕާކިސްތާނުގެ ފިލްމީ ތަރިންގެ ތެރެއިން ފަވާދު ޚާން އިންޑިއާގެ ފިލްމަކުން ފެންނާނެ އިރަކަށް ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.
ފަވާދު ޚާން ބޮލީވުޑަށް ތަޢާރަފްވެފައި ވަނީ 2014 ވަނަ އަހަރު ބަތަލާ ސޯނަމް ކަޕޫރާ އެކު ކުޅުނު ފިލްމު "ހޫބުސޫރަތު"ންނެވެ.