ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އާއި އދ.ގެ ކަމާގުޅޭ އިދާރާތަކުގެ އެހީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިފަދައިން އެދިވަޑައިގަތީ، އެމެރިކާގެ ނިއުޔޯކްގައި އޮތް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ސައިޑް އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަކީ ދިގުމުއްދަތަކަށް، އިގްތިޞާދު ކުރިއެރުވުމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމުގެ ސަބަބުން އާމްދަނީ އިތުރުވެ މެދު ފަންތީގެ ގައުމަކަށް ބަދަލުވި ނަމަވެސް، ސިޑްސްގެ ގިނަ ގައުމުތަކާ އެއްގޮތަށް މެދުފަންތީގައި ހިފެހެއްޓިފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ގޮންޖެހުން އަރައިގަތުމަށް ބޭނުންވަނީ ސްޓްރަކްޗާއަށް ބަދަލުގެނައުމާއި އިގްތިޞާދު ސިންދަފާތުކުރުމާއި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުން. ސިޑްސް އަދި އޭބީއޭއެސްގެ ދިހަ އަހަރުގެ އެކްޝަން ޕްލޭނަކީ ސިޑްސްގެ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުރެވޭނެ އެކްޝަން ޕްލޭނެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، މި އެޖެންޑާ ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި، ސިޑްސްގެ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތު ކުރުމަށް އެހީވެދީ، އުފެއްދުންތެރިކަން އިތުރުކުރުމުގެ ފްރޭމްވޯކް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ. އަދި މިކަން ކުރެވޭނެ ގޮތްތަކެއް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން، ޓެކްނޮލޮޖީގެ ކުރިއެރުމަކީ އުފެއްދުންތެރިކަން އިތުރުވުމަށް މުހިންމު ކަމެއްކަން ގަބޫލުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ވެސް މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭތަކަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށާއި، ދުނިޔޭގެ ބާޒާރަށް ފުރިހަމައަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، އިގްތިޞާދު ފުޅާކުރުމަށް އިންފްރާސްޓްރަކްޗާއެއް ވަރުގަދަކުރުމެވެ.

"ދައުލަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ފައިވްޖީ އާއި އޭއައި އެކުލެވޭ ސިސްޓަމްސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ވެސް ދަނީ ބޭނުން ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކައިގައި ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ، ހެއްކަށް ބިނާކޮށް ސިޔާސަތުގެ ނިންމުންތައް ނިންމަންޖެހޭކަމެވެ. އެގޮތުން ޔޫއެންސީޓީއޭޑީއިން އެކުލަވައިލާފައިވާ އުފެއްދުންތެރިކަމުގެ އިންޑެކްސްއަކީ މިކަމަށް މުހިންމު އެއްޗެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ފާހަގަކުރެއްވި ކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިވެލޮޕްމަންޓް ޕާޓްނަރުންނަށް ބާރުއަޅުއްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.