ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒްއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު، އދ.ގެ 79ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، އދ.ގެ ހެޑްކުއާޓާސްގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ވަކިން ޚާއްސަކޮށް ސްމޯލް އައިލެންޑް ޑިވަލޮޕިން ސްޓޭޓްސް (ސިޑްސް)އަށް ދިމާވާ މައިގަނޑު މައްސަލަތައް ހައްލު ކުރުމަށް، ރާއްޖޭން އދ.ގައި އިހުނަށްވުރެ ހީވާގި ދައުރެއް އަދާކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައިފައެވެ.

އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވައި، ދަރަންޏާއި މާލީ ހާލަތު ދެމެހެއްޓެނިވި ފެންވަރަކަށް ގެނައުމަށް މާލީ އިސްލާހުގެ އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ހާމަކުރައްވައިފައެވެ.

މި މަސައްކަތުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ޕާޓްނަރުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަގުވާމީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި، އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖޭން ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. ސެކްރެޓަރީ ޖެނެރަލްވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތުގައި، އޭނާގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަން ފާހަގަ ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ ލީޑާޝިޕްގެ ދަށުން ދުނިޔޭގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އދ.ގެ ހުރިހާ މެމްބަރު ޤައުމުތަކަށް ފުރުޞަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެމެރިކާގެ ނިއުޔޯކްގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 79ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން، ރައީސް މިއަދު ވަނީ، ސަމިޓް އޮފް ދަ ފިއުޗާގައި ތަގުރީރުކުރައްވައިފައެވެ.