އދ.ގެ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް، ތަސައްވުރުތައް ހަގީގަތަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ހުށަހެޅުއްވުމެއް ހުށަހަޅުއްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި އޮތް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ރައީސް މިއަދު ވަނީ، ސަމިޓް އޮފް ދަ ފިއުޗާގައި ތަގުރީރުކުރައްވައިފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރައްވާ އެ ސަމިޓުގައި ރައީސް ވިދާޅުވީ އދ.އިން އެތައް އަހަރެއް ވަންދެން ތަސައްވުރުތަކެއް ބައްޓަންކޮށްފައި ވާކަމަށެވެ. ނަމަވެސް، އެ ތަސައްވުރުތައް ހަގީގަތަކަށް ހެދިފައި ނުވާކަމަށާއި މިއީ ގައުމުތައް ގުޅިގެން ނަތީޖާ ނެރެންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ތަސައްވުރުތައް ހަގީގަތަކަށް ހެދުމަށް ޓަކައި ކުރެވޭނެ ތިން ކަމެއް އެ މަނިކުފާނު ހުށަހެޅުއްވިއެވެ.

ރައީސް ފުރަތަމަ ހުށަހެޅުއްވި ކަމަކީ، ޒުވާނުން ބާރުވެރިކުރުވުމެވެ.

"މިއަދުގެ ދުނިޔެ ބައްޓަންކުރާ ބަޔަކީ ޒުވާނުން. މާދަމާ ކަންކަމުގައި އިސްނަގަން ތިބީ ޒުވާނުން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް، ކޮންމެ ޒުވާނަކަށްވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދޭނެ މަގު ތަނަވަސްވެފައި އޮންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި ޑިޖިޓަލް ބަދަލުތަކާއެކު އިގްތިޞާދީ ފުރުސަތުތައް ފަހިވެ، ހަމަހަމަ ފުރުސަތުތަކެއް ޒުވާނުންނަށް ލިބޭތައް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަކީ މުސްތަގުބަލަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގައި ގާތްގަނޑަކަށް 62 ޕަސަންޓު ޒުވާނުންނަށް އަސަރުކުރާކަމަށެވެ.

މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް)އަށް ވެސް ވޭތުވެދިޔަ 15އަހަރުގެ ތެރޭގައި 153 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖެއިން ނެޓް ޒީރޯ ގައުމަކަށް ވުމަށް ވުމަށް އަމާޒު ހިފާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.

ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ހުށަހަޅުއްވާފައިވާ ތިންވަނަ ކަމަކީ މާލީ އެހީތެރިކަން ހޯދުމެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ މައްސަލަތައް ހައްލުކުރަން މާލީ އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަން އޮތް ޖީލުތަކުން ބަލާނީ މިހާރު ދުނިޔޭގެ ލީޑަރުން އަޅާ ފިޔަވަޅުތަކަށް ކަމަށާއި ކުރަން ނިންމާ ކަންތައްތަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ޖީލުތަކަށް ބޭނުންވަނީ ނަތީޖާ ނެރެވޭ ނިޒާމެއް އަދި ހިތްވަރާއެކު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާ ދުނިޔެއެއް ކަމަށެވެ.

"[ބޭނުންވަނީ] ޣައްޒާގައި ހިނގަމުންދާ ގަތުލްއާންމު ހުއްޓުވޭނެ ހިތްވަރު. އދ.ގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމުގެ ހިތްވަރު," ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަ ނިންމަވާލެއްވީ މިކަންކަމަށް ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރުކަމަށް ވިދާޅުވެއެވެ.