ބަޣްދާދު (ޖޫން 29) : ޢިރާޤުގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ އެކިއެކި ޓެރަރިސްޓް ޙަމަލާ ތަކުގައި 23 މީހަކު މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެ އެވެ.

ޢިރާޤުގެ އަމްނާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އިރާޤުގެ އެކިކަންކޮޅުތަކުގައި ގޮއްވާފައިވާ މިބޮންތަކުގައި އަމިއްލައަށް މަރުވެގެން ދިން ކާބޮމުގެ ޙަމަލާތައްވެސް ހިމެނެއެވެ. މިބޮންތަކުގެ ތެރެއިން ބަޣްދާދުގެ އެކިއަވަށްތަކުގައި ހިންގި ބޮމުގެ ޙަމަލާތަކުގައި 13 މީހުން މަރުވެ ވިއްސަކަށް މީހުން ޒަޚަމް ވިއެވެ.

ބަޣްދާދުގެ އުތުރުގައިވާ ރަށެއްކަމަށްވާ ބަޢްޤުބާގައި ގޮއްވާލި ކާރުބޮމުގެ ޙަމަލާއެއްގައި 51 މީހުން ޒަޚަމްވިއިރު މީގެތެރެއިން ބައެއްމީހުންގެ ޙާލަތުވަނީ ފުރާނައަށް ގެއްލުންވާ ޙާލަތުގައެވެ. އަދި ބަޣްދާދުގެ ހުޅަނުގައިވާ އަލްވަޝްވާޝް ސަރަޙައްދުގެ މީހުން ބައިބޯ ބާޒާރެއްގައި ގޮއްވާލި ބޮމެއްގައި 8 މީހުން މަރުވެ 30 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

އަދި ބަޣްދާދުގެ އުތުރުގައިވާ އައްތާޖީ ސަރަޙައްދުގައި ގޮއްވާލި ބޮމެއްގައި ދެމީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާއިރު ސާމައްރާގައި ގޮއްވާލި ބޮމެއްގައިވެސް އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ. ޢިރާޤުގެ ދާޚިލީ ވުޒާރާއިން މިޙަމަލާތަކުގެ ޒިންމާ އަޅުވާފައިވަނީ ޢަލްޤާއިދާއާއި ޢިރާޤުގެ ކުރީގެ ރައީސް ސައްދާން ޙުސައިންއަށް ނިސްބަތްވާ ކުރީގެ ބަޢްޘް ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ބޮލުގައެވެ. މިއީ ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެއްދުވަހެއްގެ ތެެރޭގައި ޢިރާޤުގައި މިހާގިނަ ބޮންތައް ގޮއްވާލި ފަހަރުކަމަށް އެޤައުުމުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ.

ޢިރާޤުގައި އެމެރިކާ ސިފައިންނާއި އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ރޯކޮށްފައިވާ އެންމެ ބޮޑު އަލިފާންގަނޑަކީ އެޤައުމުގެ ސުންނީންނާއި ޝިޔަޢީންގެ ދެމެދުގައި ފިތްނައިގެ ހުޅުގަނޑު ރޯކުރުން ކަމަށް މުޙައްލިލުން ބުނެ އެވެ. ޢިރާޤުގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ފަހަތުގައިވަނީ ސުންނީންނާއި ޝިޔައީންގެ މިފިތްނަތައް ކަމަށްވެސް މިފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ، މީޑިޔާ ރިޕޯޓްތައް)