ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެއީ މިދިޔަ އަހަރުގެ 17 ނޮވެންބަރުން ފެށިގެން މި ހިނގާ ސެޕްޓެންބަރުގެ 17ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފުވެގެން ފޮނުވައިލި ބިދޭސީންގެ އަދަދެވެ.

އެ ގޮތުން އިމިގްރޭޝަނުން ވަނީ، ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ފާއިތުވި 10 މަހުގެ ތެރެއިން ކޮންމެ މަހަކު ފޮނުވައިލި ބިދޭސީންގެ އަދަދުތައް ވެސް ހާމަކޮށްފައެވެ.

  1. 17 ނޮވެންބަރުން 30 ނޮވެންބަރަށް - 90 ބިދޭސީން

  2. ޑިސެންބަރު - 202 ބިދޭސީން
  3. ޖެނުއަރީ - 237 ބިދޭސީން
  4. ފެބްރުއަރީ - 209 ބިދޭސީން
  5. މާޗު - 332 ބިދޭސީން
  6. އޭޕްރީލް - 240 ބިދޭސީން
  7. މެއި - 377 ބިދޭސީން
  8. ޖޫން - 690 ބިދޭސީން
  9. ޖުލައި - 461 ބިދޭސީން
  10. އޮގަސްޓު - 453 ބިދޭސީން
  11. ސެޕްޓެންބަރު މަހުގެ 17ގެ ނިޔަލަށް - 663 ބިދޭސީން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، އެ ފަދަ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް އަންނަނީ ގެންދަމުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ފުރުވާލުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މި ސަރުކާރުންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފައެވެ. އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.