23 Sep 2024, 09:04
ސިންގަޕޫރުގެ ކްރިޕްޓޯ ޕްލެޓްފޯމް ބިންގްއެކްސްއަށް ސައިބާ ހަމަލާއެއް ދީ 44 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާކަމަށް އެ ކުންފުނިން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
ބްލޮކްޗެއިން ސެކިއުރިޓީ ކުންފުނިތަކުން ފާހަގަކުރި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ އެ ޕްލެޓްފޯމުން މިލިއަނުން ފައިސާ ބޭރުވާން ފެށުމާ ގުޅިގެން، ކުންފުނިން ވަނީ "ވޮލެޓް މެއިންޓަނަންސް" އަކާ ގުޅިގެން ޚިދުމަތް ހުއްޓާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖެއް ޕޯސްޓްކޮށްފައެވެ.
އޭގެ ފަހުން ކުންފުނިން އިތުރު ބަޔާނެއް ނެރެ ބުނެފައިވަނީ ކުންފުނީގެ "ހޮޓް ވޮލެޓް" އަށް ހެކަރުން ހަމަލާ ދީފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން ވަގުތުން ކުއްލި ފިޔަވަޅުތަކެއް އެޅީން، އޭގެ ތެރޭގައި އެސެޓްތައް އަވަސް އަވަހަށް ޓްރާންސްފަކުރުމާއި، ވަގުތީގޮތުން ވިތުޑްރޯވަލްތައް ހުއްޓާލުން ހިމެނޭ، ގެއްލިފައިވާ އަދަދުތައް މިހާރު މިދަނީ ހިސާބުކުރަމުން،" އެ ކުންފުނިން ބުނެފައިވެއެވެ.
ބްލޮކްޗެއިން ސެކިއުރިޓީ ކުންފުނި ސްލޯމިސްޓްގެ އެހީގައި ކުރެވުނު އޮޑިޓަކުން ދައްކާގޮތުގައި މިހާތަނަށް 44.7 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. އެހެން ކުންފުނިތަކުން ބުނާ ގޮތުގައި ގެއްލުމުގެ އަދަދު 48 މިލިއަން ޑޮލަރަށް އަރާފާނެކަމަށް ލަފާކުރެވެއެވެ.
ބިންގްއެކްސްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ވިވިއަން ލިން ބުނެފައިވަނީ ގެއްލުނު ފައިސާ ކުންފުނީގެ އަމިއްލަ ފައިސާއިން ފޫބައްދާނެ ކަމަށެވެ. "ގެއްލުމުގެ އަދަދު އަދިވެސް ހިސާބުކުރަމުން ދިޔަ ނަމަވެސް، ބިންގްއެކްސްއިން މި ގެއްލުން އަމިއްލަ ރައުސުމާލުން ފޫބައްދާނަން، ޖުމްލަ ގެއްލުމަކީ ބެލެހެއްޓޭނެ ވަރުގެ ގެއްލުމެއް،" ލިން ވިދާޅުވިއެވެ.
ގެއްލުނު ފައިސާގެ ތެރެއިން 10 މިލިއަން ޑޮލަރު "ފްރީޒް" ކުރެވިފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން ވިތްޑްރޯވަލްގެ ޚިދުމަތްތައް މަޑުމަޑުން އަނބުރާ ގެނެސްދެމުންދާ ކަމަށް ލިން ބުނެފައިވެއެވެ.
މި އަހަރުގެ ތެރޭގައި އޭޝިއާގެ އެހެން ކްރިޕްޓޯ ޕްލެޓްފޯމްތަކަށްވެސް މިފަދަ ހަމަލާތައް ދީފައިވެއެވެ. އިންޑޮނީޝިއާގެ އެންމެ ބޮޑު ކްރިޕްޓޯ ޕްލެޓްފޯމުން މިދިޔަ ހަފުތާގައި 20 މިލިއަން ޑޮލަރު ވަގަށްނެގިއެވެ.
އަދި ސިންގަޕޫރުގެ އެހެން ކްރިޕްޓޯ ޕްލެޓްފޯމެއް ކަމަށްވާ ޕެންޕީން އިން މިދިޔަ ހަފުތާގައި 27 މިލިއަން ޑޮލަރު ވަގަށްނެގި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އިންޑިއާ އަދި ޖަޕާނުގެ ޕްލެޓްފޯމްތަކުން މި އަހަރުގެ ކުރީކޮޅު 230 މިލިއަން އަދި 300 މިލިއަން ޑޮލަރު ވަގަށްނަގާފައިވެއެވެ.