ޔޫކްރެއިނުގެ ސަރުކާރުން ދައުލަތުގެ އޮފިޝަލުންނާއި، ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނާއި، ސިފައިން އަދި މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ މުވައްޒަފުން ބޭނުންކުރާ ރަސްމީ ޑިވައިސްތަކުގައި ޓެލެގްރާމް މެސެޖިން އެޕް ބޭނުންކުރުން މަނާކޮށްފައެވެ.

މި ނިންމުން ނިންމީ ރަޝިއާގައި އުފެއްދި މި އެޕްގެ ސަބަބުން ޔޫކްރެއިނުގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ޔޫކްރެއިނުގެ ޑިފެންސް އިންޓެލިޖެންސްގެ އިސްވެރިޔާ ކިރިލޯ ބުދަނޯވް ބުނާ ގޮތުގައި ރަޝިއާގެ ޚާއްސަ ޚިދުމަތްތަކަށް ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަމިއްލަ މަޢުލޫމާތާއި، މުވާސަލާތުތަކާއި އަދި ފޮހެލާފައިވާ މެސެޖުތަކަށް ވާސިލުވެވިދާނެ ކަމަށް ވަޒަންކުރެވިފައިވެއެވެ.

"އަޅުގަނޑު އަބަދުވެސް ވާހަކަ ދެއްކުމުގެ މިނިވަންކަމަށް ތާއީދުކުރަން. ނަމަވެސް ޓެލެގްރާމްގެ މައްސަލައަކީ ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ މައްސަލައެއް ނޫން. އެއީ ޤައުމީ ސަލާމަތުގެ މައްސަލައެއް،" ބުދަނޯވް ހުކުރު ދުވަހު ޔޫކްރެއިނުގެ ސަލާމަތީ އޮފިޝަލުންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މި އާގަވާއިދު ހިނގާނީ ހަމައެކަނި ދައުލަތުގެ، ދިފާޢީ ނުވަތަ އެހެން މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ ރަސްމީ ޑިވައިސްތަކަށެވެ. ޔޫކްރެއިނުގެ ޤައުމީ ސަލާމަތާއި ދިފާޢީ ކައުންސިލް (އެންއެސްޑީސީ)ން ބުނާ ގޮތުގައި މި މަނާކުރުން ހިނގާނީ ރަސްމީ ޒިންމާތަކުގެ ތެރެއިން މި މެސެންޖާ ބޭނުންކުރާ ފަރާތްތަކަށެވެ.

އެންއެސްޑީސީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެލެގްރާމަކީ "އަދާވާތްތެރިން އަބަދުވެސް ބޭނުންކުރާ" އެއްޗެއްކަމަށެވެ. އެގޮތުން ސައިބާ ހަމަލާތައް ދިނުމަށާއި، ފިޝިންގ މެސެޖުތަކާއި ގެއްލުންދޭ ސޮފްޓްވެއާ ފެތުރުމަށާއި، ބޭނުންކުރާ މީހުންގެ ލޮކޭޝަން ދެނެގަތުމަށާއި، އަދި ޑްރޯނާއި މިސައިލްތަކުން ޔޫކްރެއިނުގެ ސަރަޙައްދުތަކަށް އަމާޒުހިފުމަށް އެހީވާ މަޢުލޫމާތު އެއްކުރުމަށް މި އެޕް ބޭނުންކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޓެލެގްރާމްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ އޭގެ ބާނީ، ރަޝިއާގައި އުފަންވި ޕާވެލް ޑޫރޯވްއާ މެދު ފްރާންސްގައި ތަޙުޤީޤެއް ކުރަމުންދާ ވަގުތެއްގައެވެ. މި ތަޙުޤީޤު ކުރެވެނީ ޓެލެގްރާމްގައި ކުޑަކުދިންގެ ބަދުއަޚްލާޤީ މަންޒަރު އަދި މަސްތުވާތަކެތި ވިއްކުމުގައި އެހީތެރިވުން ފަދަ ކުށްތަކަކަށެވެ.

ޓެލެގްރާމަކީ ޔޫކްރެއިނުގައި ވަރަށް މަޤުބޫލު އެޕެކެވެ. ސަރުކާރުގެ އޮފިޝަލުންނާއި އާންމު ރައްޔިތުންގެ މެދުގައިވެސް މި އެޕް ވަރަށް ބޮޑަށް ބޭނުންކުރެއެވެ. ޔޫކްރެއިނުގެ ގިނަ ރައްޔިތުންނަށް މިއީ ޚަބަރު ލިބޭ މައިގަނޑު ވަސީލަތެވެ. މީގެ އިތުރުން ރަޝިއާގެ ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅޭ އިންޒާރުތައް ލިބުމަށާއި، ރަޝިއާގެ ޖާސޫސުންނާއި ސިފައިންގެ އުޅަނދުފަހަރުގެ ހަރަކާތްތައް ސަރުކާރަށް ރިޕޯޓުކުރުމަށް ވެސް މި އެޕް ބޭނުންކުރެއެވެ.

ޔޫކްރެއިނުގައި ޓެލެގްރާމް ބްލޮކްކުރުމާ ނުވަތަ ބޭނުން ކުރުން ހަނިކުރުމާ ބެހޭ ގޮތުން ވާހަކަދެކެވެމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ޔޫކްރެއިނުގެ ސަރުކާރުގެ އޮފިޝަލުން މި އެޕް ބޮޑަށް ބޭނުންކުރި ނަމަވެސް، އޭގެ ޕްރައިވަސީއާ ގުޅޭ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ކުރިން ވެސް ރައްޔިތުންނަށް އިންޒާރު ދީފައިވެއެވެ.