22 Sep 2024, 15:38
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ރެއާލްއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި އެއް ޕޮއިންޓް ގާތަށް ޖެހިލައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެސްޕަންޔޯލްއިން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ 1-4 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ.
ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިއުމާއެކު ވެސް އެސްޕަންޔޯލްގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މީގެ ތެރެއިން ވެސް މިހާފުގައި ކިލިއަން އެމްބާޕޭއަށް ލިބިގެންދިޔަ ދެ ފުރުސަތެއް ފާހަގަ ވެގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފު އެސްޕަންޔޯލްއިން ފެށީ އާ ހިތްވަރަކާއެކު ކަން ފާހަގަ ވެގެންދިޔައެވެ. މިގޮތުން މި ހާފުގެ ކުރީކޮޅު އެ ޓީމުންވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާ ފޮނުވާލައިފައެވެ.
އަދި މިގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އެސްޕަންޔޯލްގެ ޖޮފްރީ ކަރޭރާސް ވާތްފަރާތު އަރިމަތިން އަރާ ރެއާލްގެ ގޯލް ކުރިމައްޗަށް ހުރައްކުރި ބޯޅައެއް ބަތަކުރަން އުޅުމުގެ ތެރޭގައި ރެއާލްގެ ކީޕާ ޓީބޯ ކޯޓުއާ އަތުން ބައިކޮޅަށް ވަދެ އެސްޕަންޔޯލްއަށް މެޗުގެ ލީޑު ލިބިގެންދިޔައެވެ.
ނަމަވެސް އެސްޕަންޔޯލްއަށް މިލީޑު ދެމެހެއްޓޭވަރުވީ ހަތަރު މިނެޓް ވަންދެނެވެ. މި މެޗުގައި ރެއާލުން އެއްވަރު ކުރި ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ މަސައްކަތުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ޑެނީ ކާވަހާލްއެވެ.
މި މެޗުގައި ރެއާލް އިން ލީޑު ނަގާފައިވަނީ މެޗުގެ 75 ވނަ މިނެޓުގައި ރޮޑްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މި ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓްފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ފެނިގެންދިޔަ ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ރެއާލްގެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އާންމު ގޮތެއްގައި ރެފްރީން ފައުލް އަށް ޖެހުން ދޭއިރު އެފައުލް ފެށުނު ހިސާބަށް ދާ ނަމަވެސް ރެއާލްއަށް ލިބުނު ޕެނަލްޓީގައި ޕެނަލްޓީ އޭރިއާ ބޭރުން ފެށުނު ފައުލް ޕެނަލްޓީ އޭރިއާ ތެރެއާއި ހިސާބުން ނުމުމާއެކު ރެފްރީ ނިންމީ ފެށުނު ހިސާބުގެ ބަދަލުގައި ނިމުނު ހިސާބުން ޕެނަލްޓީ ދޭށެވެ.
މި ކަމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު ހަ މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އޮތް ބާސާ އާއި އެއް ޕޮއިންޓަށް ވަނީ ގާތްކޮށްފައެވެ.
ނަމަވެސް މި ހަފްތާގައި ބާސާ ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަނެއްކާ ވެސް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. މި މެޗުން ބަލިވުމުން އެސްޕަންޔޯލް އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.