22 Sep 2024, 12:09
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުވާ ތިން މީހަކަށް ދައުވާ ކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވައިފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްދޭން ޕީޖީއަށް ފޮނުވީ، ޕާކިސްތާނަށް ނިސްބަތްވާ 49 އަހަރުގެ މުޙައްމަދު ހާރޫންއާއި 25 އަހަރުގެ ހދ. ކުމުންދޫ، ނަރުގިސްވިލާ އަޙްމަދު ޢައްފާންގެ އިތުރުން 40 އަހަރުގެ ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދުގެ މައްޗަށެވެ.
މިކަމާ ގުޅުވައި ފުލުހުން ބުނީ، މިދިޔަ މަހު 24 ވަނަ ދުވަހުގެ ފަތިހު 5:10ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސި ފްލައިޓަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ޕީޖީން ބަލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ތިން މީހުންގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ރާއްޖެއައި ކާގޯ ޝިޕްމެންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި އަތުލައިގެންފައެވެ.