ޢަންމާން (ޖޫން 29) : ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އިސްރާއީލަށާއި ޢަރަބި ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޤައުމަށް އެނބުރި ވަޑައިގެންފި އެވެ.

ފަސްދުވަހުގެ މިދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލަކީ އުރުދުންއެވެ. މިދަތުރުފުޅުގައި ޕޫޓިން ފުރަތަމަ ވަޑައިގެންނެވީ އިސްރާއީލަށެވެ. އެއަށްފަހު ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ރައީސް މަޙްމޫދް ޢައްބާސް އާ ބައްދަލުރެއްވި އެވެ. އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއާއި ރައީސް ޝަމްޢޫން ޕެރޭޒް އާ ބައްދަލުކުރެއްވި އެވެ.

މިދެބޭފުޅުންވެސްވަނީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޕޫޓިންގެ އެހީއަށް އެދިވަޑައިގެންފަ އެވެ. އަދި އީރާނުން ކުރިޔަށް ގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓުވައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އިސްރާއީލުގެ މަސްއޫލުވެރިން ޕޫޓިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި އަލްޤުދްސުގެ މާތްވެގެންވާ މަސްޖިދުލްޢަޤްސާގެ ކައިރީގައިވާ ޙާއިތުލްބުރާޤްއަށް ޕޫޓިން ޒިޔާރަތްކުރެއްވުމުން ފަލަސްތީނުންވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މިއީ ޔަހޫދީންގެ ތާރީޚީ ތަނެއްކަމަށް އެމީހުން ދަޢްވާކުރާތަނެކެވެ.

ޕޫޓިން އުރުދުންއަށް ވަޑައިގެން ރަސްގެފާނު ޢަބްދުﷲ ދެވަނަ އާ ބައްދަލުކުރައްވައި ދެބޭފުޅުން ކުރެއްވި މަޝްވަރާތައް ބިނާކުރެއްވީ ސޫރިޔާގެ މައްސަލައަށާއި މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެގޮތްތަކާބެހޭގޮތުން ނާއި ދެޤައުމުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާބެހޭގޮތުން ކަމަށް ޚަބަރު ލިބެ އެވެ. ޢަންމާންގައި ވާހަކަ ދައްކަވަމުން ޕޫޓިންވަނީ ސޫރިޔާއިން ތުރުކީގެ މަތިންދާބޯޓެއް ވައްޓާލި މައްސަލައާގުޅިގެން މަސްރަޙް ހޫނުނުކުރުމަށް ހުޅަނގަށް އިލްތިމާސް ކުރައްވާފަ އެވެ. (އަލްޖަޒީރާ)