ކޮލަންބޯ (22 ސެޕްޓެމްބަރު 2024) : ސްރީލަންކާގެ ރިޔާސީ ރޭހުގައި ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން މިހާރު ގާތްގަނޑަކަށް ކަށަވަރު ވެއްޖެއެވެ.

ނަތީޖާ އިއުލާނު ނުކުރިނަމަވެސް އަދި ވޯޓު އެއްކޮށް ގުނައި ނުނިމުނު ނަމަވެސް އެހެން ކެންޑިޑޭޓުންނާއި އަނޫރާ ކުމާރަ އާ ދެމެދުގައިވާ ތަފާތު އާދަޔާ ޚިލާފަށް ބޮޑުކަމުންނާއި ގުނަމުންދާ ވޯޓުގެ ޓްރެންޑް ހުރި ގޮތުން ބާކީ ހުރި ވޯޓުތަކުން އަނޫރާގެ މައްޗަށް އެހެން ކެންޑިޑޭޓަކަށް ދެން ކުރި ނުހޯދޭނެކަންވަނީ ޔަގީން ވެފައެވެ.

އަނޫރާގެ އެލަޔަންސް ނުވަތަ ކޯލިޝަންކަމަށްވާ "ނެޝަނަލް ޕީޕަލްސް ޕަވާ" (އެންޕީޕީ) ގައި ހިމެނެނީ ކުދި ޕާޓީތަކެކެވެ. އޭގެތެރޭގައި އޭނާގެ ޕާޓީކަމަށްވާ ޖަނަތަ ވިމުކްތީ ޕެރެމޫނާ (ޖޭވީޕީ) ހިމެނެއެވެ. "ޖޭވީޕީ" އަކީ ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ވަރަށް ދުވަސްވީ ކުޑަ ޕާޓީއެކެވެ. ސްރީލަންކާގެ 225 މެންބަރުން ހިމެނޭ ޕާލަމެންޓްގައި "ޖޭވީޕީ" ތަމްސީލު ކުރަނީ އެންމެ ތިން ގޮނޑިއެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ މިހާރު ވަރަށް ސާފެވެ. އިތުރަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އަނޫރާ އިންތިޚާބު ކުރައްވާނެކަން ޔަގީނެވެ. ހުރިހާ ވޯޓެއް ގުނައި ނުނިމުނަސް ރިޔާސީ ރޭސް ކާމިޔާބު ކުރައްވާނީ އަނޫރާ ކުމާރަ ޑިސެނަޔަކަ ކަންވަނީ ކަށަވަރުވެފައެވެ.

އުމުރުން 55 އަހަރުގެ އަނޫރާ އަކީ ސްރީލަންކާގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ ހާލަތު ރަނގަޅު ކުރާނެކަމާއި ސްރީލަންކާގެ އިޖްތިމާއީ ހާލަތަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންނެވި ހަމައެކަނި ކެންޑިޑޭޓެކެވެ. އޭނާއަކީ އިގްތިސާދީގޮތުން ކޮމިއުނިސްޓް ސޯޝިއަލް ފިކުރުގެ ބޭފުޅެކެވެ. މާކްސިސްޓް ފިކުރުގެވެސް ބޭފުޅެކެވެ.

ކެމްޕޭންގައި އަނޫރާ ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ސްރީލަންކާގައި ތަކެތީގެ އަގުބޮޑުވަމުންދާ ދިޔުން ހުއްޓުވައި ފަގީރުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އެ މީހުންނަށް ދޭ ވެލްފެއާގެ އިނާޔަތްތައް އިތުރުކޮށް ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ދިނުންފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސްރީލަންކާގެ ކުރީ ސަރުކާރުތަކުން ހިންގި ކޮރަޕްޝްނުގެ އަމަލުތައް އޭނާގެ ސަރުކާރެއްގައި ނުހިނގާނެކަމަށް ވިދާޅުވެ ކޮރަޕްޝަނާ ދެކޮޅަށް އަނޫރާ ދެއްކެވި ވާހަކަތަކަކީ ސްރީލަންކާގެ މެދުފަންތިއާއި ފަގީރުންގެ މެދުގައި ވަރަށް މަގުބޫލު ވާހަކަތަކެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު މިހާތަނަށް ވޯޓުގެ ބޮޑު ބައެއް ގުނާފައިވާއިރު އަނޫރާއަށްވަނީ ޖުލްމަ ވޯޓުގެ 54 އިންސައްތަ ލިބިވަޑައިގެންފައެވެ. އަދި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނޫރާ އަށް ވަނީ ލިބިވަޑައިގެންފައެވެ. ޕޯސްޓަލް ވޯޓުގެ 50 ޕަސެންޓް ލިބޭކެންޑިޑޭޓުންނަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓުންކަން މާޒީގެ ހުރިހާ އިންތިޚާބަކުން ވެސް ވަނީ ހާމަވެފައެވެ.

އަނެއްކޮޅުން ޖުމްލަ ވޯޓުގެވެސް 54 އިންސައްތަ އަނޫރާއަށް ލިބިވަޑައިގެންފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ކެންޑިޑޭޓް ސަޖިތު ޕްރެމަދާސަ އަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ ވޯޓުގެ އެންމެ 20 އިންސައްތައެވެ. މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހައިގެ ހާލަތު އެއަށްވުރެވެސް ދަށެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ އެންމެ 18 އިންސައްތައެވެ.

ރަނިލްއަކީވެސް ކޮރަޕްޝަން ހިންގެވުމުގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. އެހެންކަމުން އޭނާއަކީ އެއްއިރެއްގައިވެސް ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް ބޭފުޅެއް ނޫނެވެ.

ސްރީލަންކާގެ އިންތިޚާބު ތަހުލީލު ކުރައްވާ އެނަލިސްޓުން ވިދާޅުވާގޮތުގައި މި ފަހަރުގެ ރިޔާސީ ރޭހުގައި އަނޫރާއަށް މިހާބޮޑު ކާމިޔާބެއް ލިބުމުގެ ފަހަތުގައިވަނީ ކުރީގެ ޒަމާންވީ ސިޔާސީ ބޭފުޅުންނާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އެއްކޮށް ގެއްލިގެން ދިޔުމެވެ. އެއީ އެ ބޭފުޅުންގެ ކޮރަޕްޝަންގެ ސަބަބުންނެވެ. ރަނިލްއަކީވެސް ކޮރަޕްޓް ބޭފުޅެއްކަމަށް މުޅި ސްރީލަންކާގައިވެސް ނަން މަޝްހޫރު ބޭފުޅަކެވެ. ސަޖިތު ޕްރެމަދާސަ އަކީވެސް ފަގީރުންނާ އަޅާލާނެ ބޭފުޅެއް ނޫންކަމަށް އާންމުން ދެކެއެވެ.

ސްރީލަންކާގެ ސިޔާސީ ބޮޑު އާއިލާއަކަށް ނިސްބަތްވާ ނަމަލް ރާޖަޕަކްސަ އަކީ އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާހަޕަކްސަގެ ދަރިކަލެކެވެ. ރާޖަޕަކްސަގެ މުޅި އާއިލާއަކީވެސް ކޮރަޕްޝަނުން ފުރިގެންވާ އާއިލާއެއްކަމާއި 2022 ވަނަ އަހަރު ސްރީލަންކާ ބަނގުރޫޓްވީ ވެސް އެ އާއިލާގެ ކޮރަޕްޝަނުގެ ސަބަބުންކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެއެވެ.

އެހެންކަމުން އަނޫރާ އިންތިޚާބު ކާމިޔާބު ކުރާނެކަން ކަށަވަރުވުމަކީ ސްރީލަންކާގެ ބާރުގަދަ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ކެންޑިޑޭޓުންނަށް އާންމުންގެ ސަޕޯޓް މިހާރު ގެއްލިފައިވާ ކަމުގެ ވަރުގަދަ ހެއްކެތްކަމަށް މުހައްލިލުން ވިދާޅުވެއެވެ.