އަށް އަހަރު ފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވަގުތީ އިންތިޚާބީ ކައުންސިލެއް ހެއިޓީ ސަރުކާރުން އެކުލަވައިލައިފިއެވެ.

ހެއިޓީގައި އެންމެ ފަހުން އިންތިޚާބެއް ބާއްވައިފައި ވަނީ 2016ވަނަ އަހަރެވެ.

ހަތް މެމްބަރުންގެ މައްޗަށް ސަރުކާރުން އެކުލައިވައިލައިފައިވާ އެ ކައުންސިލުގައި ދަނޑުވެރިންނާއި ނޫސްވެރިންނާއި އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުންނާއި، ހެއިޓީގެ ދީނީ ޖަމާއަތެއް ކަމަށްވާ ވޮޑޫ ކޮމިއުނިޓީ ހިމެނެއެވެ.

އެ ކައުންސިލުގެ މަސައްކަތަކީ އިންތިޚާބުތަކަށް ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމާއި 2026ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯޓުލުން އިންތިޒާމުކުރުމެވެ.

ކުރިން އެކުލައިވައިލާފައިވާ އިންތިޚާބީ ކައުންސިލް 2021 ވަނަ އަހަރު އުވާލާފައިވަނީ މޮއިސް އަވަހާރަވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް މި އަހަރު ކުރީކޮޅު މަގާމުން ވަކިކުރަން މަޖުބޫރު ކުރެއްވި ކުރީގެ ބޮޑުވަޒީރު އެރިއެލް ހެންރީގެ ވެރިކަމުގައެވެ.

ހެއިޓީގެ ސިޔާސީ މަސްރަހު ގޯސްވެފައިވަނީ 2021 ވަނަ އަހަރު ރައީސް ޖޯވެނަލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެފަހުން އެ ގައުމުގައި އެއްވެސް މީހަކު ރައީސްކަންކޮށްފައެއް ނުވެއެވެ.

ހެއިޓީ ވަނީ ސިޔާސީ އަދި އިގްތިސާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި، ވެރިރަށް ޕޯޚް-އޯ-ޕްރާންސްގެ ބޮޑު ސަރަހައްދެއް މިހާރު އޮތީ ކުށްކުރާ ގުރޫޕުތަކުގެ ބާރުގެ ދަށުގައެވެ. އެ ގުރޫޕުތަކުން މިހާރު ދަނީ އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ވެސް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ.

ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އދ ން ދަނީ މަސައްކަތް ކުރަމުންނެވެ. ސުލްހަ ގާއިމު ކުރުމަށް މިހާތަނަށް ހެއިޓީއަށް ސިފައިން ފޮނުވާފައި ވަނީ ހަމައެކަނި ކެންޔާ އާއި ޖެމެއިކާއިންނެވެ.