އިސްރާއީލުގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ހައިފާގެ އިރުމަތީގައި އޮންނަ އިސްރާއީލުގެ ރަމަތު ޑޭވިޑް އެއާބޭސްއަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފައިވާ ކަމަށް ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުالله އިން ބުނެފިއެވެ.

އެ ހަމަލާތަކަކީ ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހުކުރު ދުވަހު ދިން ހަމަލާތަކުގެ ރައްދެއް ކަމަށް ހިޒްބުﷲ އިން ބުނެއެވެ.

އެ ހަމަލާ ކަށަވަރުވެއްޖެނަމަ، އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަލާތައް ފެށުނު ފަހުން އިސްރާއީލުގެ އެތެރެއަށް ހިޒްބުالله އިން ދިން އެންމެ ދުރު ހަމަލާ އަށްވާނެއެވެ.

ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން 10 ރޮކެޓް ފޮނުވާލިއިރު، ގިނަ ރޮކެޓްތައް ހުއްޓުވާފައިވާ ކަމަށެވެ.

އަދި ހިޒްބުاللهގެ ހަމަލާއެއް ހުއްޓުވުމުގެ ގޮތުން ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް އެތައް ސަތޭކަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި ހިޒްބުﷲ ގެ ހަމަލާއެއް އަތުވެދާނެތީ އިސްރާއީލުގެ އުތުރުގައި ބޮޑެތި އެއްވުންތައް ނުބޭއްވުމަށްވެސް އަސްކަރިއްޔާއިން ވަނީ އަންގައިފައެވެ.

ހިޒްބުﷲ ގެ އެ ހަމަލާއާ ގުޅިގެން ލިބުނު އެއްވެސް ގެއްލުމެއް މިހާތަނަށް ސާފެއްނުވެއެވެ.

ބެއިރޫތުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ އަލީ ހާޝިމް ވަނީ ހިޒްބުﷲއިން ދިން އެ ހަމަލާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"މިއީ 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުﷲއާއި ދެމެދު ހިނގި ހަނގުރާމައަށް ފަހު ހިޒްބުﷲގެ މިސައިލްތައް 20 ކިލޯމީޓަރު ނުވަތަ 12 މޭލަށްވުރެ ދުރަށް ހުރަސްކުރި ފުރަތަމަ ފަހަރު،" ހާޝިމް ވިދާޅުވިއެވެ.

ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު ހިޒްބުﷲ އާ ގުޅުން ހުރި ވަޔަލެސް މުވާސަލާތީ ވަސީލަތްތައް މުޅި ލުބުނާނުގައި ގޮވައި އެތައް ހާސް ބަޔަކު ޒަޚަމްވެ އާންމުން ހިމެނޭ ގޮތަށް 10 ވަރަކަށް މީހުން މަރުވެފައިވެއެވެ.

ލުބުނާނުން ވަނީ އެ ހަމަލާގެ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ. އެ ހަމަލާގެ ރައްދުގައި ލުބުނާނުން ހުކުރު ދުވަހު ވަނީ އިސްރާއީލަށް ހަމަލާދީފައެވެ.

ރައްދުގައި ހަމަ އެ ދުވަހު އިސްރާއީލުން ވެސް ވަނީ ލުބުނާނަށް ހަމަލާދީ 38 މީހުން މަރާލައިފައެވެ. އޭގެތެރޭގައި ހިޒްބުﷲގެ އިސް ކޮމާންޑަރު އިބްރާހީމް އަގީލް ވެސް ހިމެނެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށިފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިސްރާއީލާއި ހިޒްބުﷲއާއި ދެމެދު ހަމަލާތައް ބަދަލުކުރެއެވެ.