ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުން މިހާތަނަށް ގުނާފައިވާ ވޯޓުން، ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކަ ކުރިހޯއްދަވައިފިއެވެ.

ލަންކާގައި އިއްޔެ 7:00އިން 16:00އަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 17 މިލިއަނަށް އަރާއިރު، 38 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކުރަމުން އަންނަ ނަތީޖާއާ ހަވާލާދީ އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ވޯޓުގެ އަދަދަށް ބަލާއިރު ޑިސަނަޔަކަ ބޮޑު ތަފާތަކުން ކުރީގައި އުޅުއްވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ލަންކާގެ ނިއުސްވަޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އެގައުމުގެ 22 ޑިސްޓްރިކްޓުގެ ތެރެއިން 20 ޑިސްޓްރިކްޓެއްގެ ވަގުތީ ނަތީޖާތައް ވަނީ ލިބިފައެވެ. އެގޮތުން އެންމެ ކުރީގައި އުޅުއްވާ ތިން ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓަށް ބަލާއިރު:

  • އަނޫރާ ކުމާރަ ޑިސަނަޔަކަ - 475،419 (52.25 ޕަސެންޓް)

  • ސަޖިތު ޕްރެމަދާސަ - 210,701 (22.06 ޕަސެންޓް)
  • ރައީސް ރަނިލް ވިކްރަމަސިންހަ - 180,983 (18.95 ޕަސެންޓް)

މި ރިޔާސީ އިންތިޚާބަކީ ލަންކާގެ އިގުތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، ރައްޔިތުންނަށް ޒަރޫރީ ތަކެތި ނުލިބި ދިޔުމުން 2022 ވަނަ އަހަރު ކުރިއަށްގެންދިޔަ މުޒާހަރާތަކުން ވެރިކަން ބަދަލުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ.

އެ މުޒާހަރާތަކުގައި ހަމަނުޖެހުން ބޮޑުވެ، ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ގެކޮޅަށް ވެސް މީހުން ވަދެގަތެވެ.

ގޯޓާބަޔަ މިދިޔަ އަހަރުގެ ޖުލައި 14ގައި ގައުމުން ފިއްލަވައިގެން ވަޑައިގެން، ޖެހިގެން އައި ދުވަހު އިސްތިއުފާދެއްވިއެވެ. އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭބެ މަހިންދަ ރާޖަޕަކްސަ ވެސް ފަހުން އިސްތިއުފާ ދެއްވިއެވެ.

އޭގެ ފަހުން، ރާޖަޕަކްސަ އާއިލާގެ އެސްއެލްޕީޕީގެ އަޣުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހުން ރައީސް ކަމަށް، ރަނިލް ވިކްރަމަސިންހަ އައްޔަންކުރިއެވެ.

ވިކްރަމަސިންހަގެ ދައުރުގައި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ބޭރުގެ ބައެއް ދަަރަނި ދެއްކުން ފަސްކުވެރި، ޖީޑީޕީ މަތިވެ، އިންފްލޭޝަން ދަށްވެފައިވެއެވެ. ނަމަވެސް އެ ބަދަލު ގެނައުމަށް ޓަކައި ސަބްސިޑީތައް ކަނޑައި، ވެލްފެއާއަށް ޚަރަދު ކުޑަކޮށް، ޓެކްސް ބޮޑު ކުރުމުން އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މި އިންތިޚާބުގައި މަހިންދަގެ ދަރިފުޅު ނާމަލް ރާޖަކަޕްސަ ވެސް ވާދަކުރެއްވި ނަމަވެސް އޭނާއަށް ގިނަ ޑިސްޓްރިކްޓުތަކުން ލިބިފައިވަނީ އެއް ޕަސެންޓު ނުވަތަ އެއަށްވުރެ ވެސް މަދު ވޯޓެވެ.