29 Jun 2012, 14:56
ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ހިލޭ އެހީ އެއް ދީފި އެވެ.
އެ ފައިސާ ދިވެހި ސަރުކާރާއި ހަވާލުކުރުން އޮތީ އިއްޔެ ހަވީރު ދިވެހި ހާރިޖިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް އެ އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖޭގައި ހުންނަވާ ސަފީރު އަޙުތަރު އަލީ ސުލެހުރީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ފައިސާ އާ ހަވާލުވެލެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ދުންޏާ މައުމޫން އެވެ.
ދިވެހި ހާރިޖިއްޔާއިން ބުނީ އެ ފައިސާ ބޭނުން ކުރާނީ ތ. ގުރައިދޫގައި ތިން ބުރީގެ ޕަބްލިކް ލައިބުރަރީއެއް އިމާރާތްކުރުމަށް ކަމަށެވެ. އެ ލައިބުރަރީ އިމާރާތް ކުރަނީ ޖަލްސާތައް ބޭއްވޭ ގޮތައް މީޓިން ރޫމުތަކަކާއިވެސް އެކު ކަމަށާއި އެ ލައިބުރަރީގައި ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ ފޮތް ހިމެނޭއިރު ކުޑަކުދިންނަށް ހާއްސަ ސަރަހައްދެއް ހުންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެހީ ހަވާލުކޮށް ދެއްވުމަށް ފަހު ޕާކިސްތާނުގެ ސަފީރު ވިދާޅުވީ އެ އެހީގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް އަދި ހާއްސަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އެ ލައިބުރަރީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެ ހަފްލާގައި ދުންޏާ ވަނީ އެ އެހީތެރިކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ޕާކިސްތާނުގެ ސަފީރޔު ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި ސަފީރަށް ދުންޏާ ޝުކުރު އަދާކުރެއްވި އެވެ.