22 Sep 2024, 10:51
ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިޔުނިކާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ވާޑާ ބްރޭމަންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައިވަނީ 0-5 އިންނެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ.
މި މެޗުގައި ބަޔާނުން 25 ހަމަލާ އުފެއްދި އިރު ބްރޭމަންއަސް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. މި މެޗުގައި ބަޔާން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ.
އަދި ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަމާލް މުސިއެލާއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބަޔާންއަށް ލިބިގެންދިޔައެވެ.
މި މެޗުގައި ބަޔާން އިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހެރީ ކޭން އެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ބަޔާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އޮލިސޭއެވެ. އަދި ފަހު ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖީ ގިނެބްރީއެވެ.
މިކާމިޔާބީއާއެކު ބަޔާން މިހާރުވަނީ ކުޅުނު މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ތިން ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.