ރާއްޖެއަށް ބޭނުންވާ ތަރައްގީގެ މަގު ކޮށޭނީ ބައިނަލްއަގްވާމީ މައިދާންތަކުގައި ދިވެހީންގެ އަޑު އިއްވައިގެން ކަމަށް ރައީސް ޑރ . މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ މެމްބަރު ގައުމަކަށް ރާއްޖެ ވިތާ 59 އަހަރު ފުރުމާ ގުޅިގެން ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އދ.ގެ ބަހުސްތަކުގައި ބައިވެރިވުމަކީ ރާއްޖެއަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވަމީ މައިދާނުގައި ބަސް އިިއްވައި، ބަސް ވިކެން ވެސް ޖެހޭނެކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ބޭނުންވާ ތަރައްގީއަށް މަގު ކޮށޭނީ ވެސް ރާއްޖެއަށް ދުނިޔޭގެ އިހްތިރާމް ލިބިގެންކަމަށާއި އެ ކަން ކުރުމަށް މި ފަދަ މައިދާންތަކުގައި އަޑުއުފުލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ.އާ ރާއްޖެ ގުޅުނު މައިގަނޑު ސަބަބަކީ ހަމައެކަނި އެ ގައުމެއްގެ ރައްޔިތުން ގައުމުގެ މިނިވަންކަން ބަލައިގަތް ނަމަވެސް މިނިވަންކަން ދިފާއު ނުކުރެވޭނެތީ ކަމަށެވެ. އަދި މިނިވަންކަން ބައިނަލްއަގްވާމީ މަސްރަހުގައި ދިފާއުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަކަށް ވެސް އަންގައިގެން ކަމަށް ވާތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"...ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ގައުމެއްގެ ސިޔާދަތީ ބާރު އޮތްކަމާއި އެ ބާރު ފުރިހަމައަށް ހިނގާކަމުގެ މައުލޫމާތު އެހެން ގައުމުތަކަށް ވެސް ފޯރުކޮށްދީގެން. އެ ސިޔާދަތީ ބާރަށް އެހެން ގައުމުތަކުގެ އިހްތިރާމް ހޯދައިގެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް މަސައްކަތް ހިނގަނީ އދ. ގައި ކަމަށެވެ. އަދި އދ.ގެ މެމްބަރުކަން މުހިންމުވާ ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.

"އދ.ގައި ރާއްޖެއިން ކުރަމުން މިދާ ދަތުރަކީ ދިވެހީން ފަޚުރުވެރިވާފަދަ ކާމިޔާބު ދަތުރެއް. އެކަހެރިކޮށް އޮތް ކުޑަކުޑަ ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި އެކުވެރިކަމުގައި ކުރާ ދަތުރެއް،" މިއީ ނިކަމެތިކަމުން ފުދުންތެރިކަަމަށް ބިންގާއެޅި ދަތުރެއްގެ ގޮތުގައި ފާހަގަކުރައްވައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އދ.އާ ގުޅުމަކީ މޫސުމީ ބަދަލުތަކުގެ ވާހަަކަ ވެސް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިން ދަތުރެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ފާއިތުވި 59 އަހަރު ދިވެހި ޑިޕްލޮމެޓުން އދ.ގައި ކުރިއެރުވީ ރާއްޖޭގެ މަސްލަހަތުކަމަށެވެ. ހަމައެއާއެކު އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ފާއިތުވި 10 މަސް ތެރޭ ވެސް "އިތުރު ބާރު މިނެއްގައި" ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން މިހާރު އަންނަނީ އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ މެމްބަރުކަން ހޯދުމަށް ވާދަކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މިސްރާބު ހުރީ އަދިވެސް ކުރިއަށް. ބާރު ދުވެލީގައި ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި ދިވެހީންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި "ޕްރޯ މޯލްޑިވްސް" ސިޔާސަތު ވެސް ކުރިއަރުވާނެ ކަމަށް ވިދާޅުވިއެވެ.

"...ދިވެހިރާއްޖެއާމެދު އަޅުގަނޑު ދެކޭ ތަޞައްވުރު ހާމަކުރުން. ދިވެހީންގެ އަޑު، ދިވެހީންގެ ވިންދުގެ އަޑު ދިވެހީންގެ އިހްސާސުތައް. އަޅުގަނޑު ދިވެހިރައްޔިތުންނަށް ޔަގީންކަން އަރުވަނީ މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި، އަދި ހިންގުމުގައި ވެސް އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް،" ރައީސް ވިދާޅުވިއެވެ.

މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.

ރައީސް، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.