22 Sep 2024, 10:09
އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބު ކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ވިލާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވުލްވްސް އިންނެވެ.
މި މެޗުގެ ފެށުން ރަނގަޅުވީ ވުލްވްސްގެއެވެ. މިގޮތުން ވުލްވްސްއިން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި މި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެތިއަސް ކޫންޔާއެވެ. މި ހާފުގައި ވުލްވްސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމުން ވެސް ތަނަވަސްކުރިއެވެ.
މި މެޗުގައި ވިލާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ޖަހައިދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ވިލާއަށް މެޗުގެ ލީޑު ނަގައިދިނީ ޑިފެންޑާ އެޒްރީ ކޮންސާއެވެ. އަދި މި މެޗުގައި ވިލާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯން ޑުރާންއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑެެވެ.
މި ކާމިޔާބީ އާއެކު ވިލާ މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އެއީ މި ވަގުތު އެއްވަނައިގައި އުޅޭ ލިވަޕޫލާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އެ ދެ ޓީމަށްވުރެ ކުރި ނުލިބޭތީއެވެ. މި މެޗުން ބަލިވުމާއެކު ވުލްވްސް މިހާރު އުޅެނީ ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.
މި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެ ޓީމު އެއްވަރު ވެގެންނެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައެވެ. އަދި ދެ ޓީމުގެ ކީޕަރުން ކަމަށްވާ ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ އާއި ޕެލަސްގެ ކީޕާ ޑީން ހެންޑަސަން ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. ޔުނައިޓެޑަށް ބަލާލާއިރު އެންމެ ރަނގަޅު ފުރުސަތު އަލެހަންޑްރޯ ގެނާޗޯއަށް ލިބިގެންދިޔައިރު ޕެލަސްއަށް ލިބިގެންދިޔަ ފުރުސަތު ތަކަށް ބަލާލާއިރު އެބެރޭޗީ އެޒޭއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.
މި މެޗު އެއްވަރު ވުމުން ޔުނައިޓެދް މިހާރު އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. އަދި ޕެލަސް އުޅެނީ ތިން ޕޮއިންޓާއެކު 16 ވަނައިގައެވެ. ޕެލަސްއަށް މި ސީޒަންގައި މިހާތަަނަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.