އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އިން ފަހަތުން އަރާ ބްރެންޓްފަޑް ބަލިކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ބްރެންޓްފަޑް އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބްރެންޓްފަޑް އިން ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. މި މެޗު ބްރެންޓްފަޑްއިން ފަށާފައިވަނީ މިދިޔަ ހަފްތާގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ފެށިހާ ފޯރިއާއެކުއެވެ.

މިގޮތުން މި މެޗުގައި ވެސް މެދުގެ ފުރަތަމަ މިނެޓުގައި ބްރެންޓްފަޑްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާ ސްޕާސް ސިއްސުވާލައިފައެވެ. މިލަނޑު މެޗުގެ ކުޅުން ފެށިތާ 23 ވަނަ ސިކުންތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ.

ނަމަވެސް ބްރެންޓްފަޑްއަށް ލީޑު ދެމެހެއްޓޭވަރުވީ ހަތް މިނެޓް ވަން ދެނެވެ. މިގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ސްޕާސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ސޮލަންކީއެވެ. މިއީ އޭނާ މިސީޒަންގައި ސްޕާސްއަށް ބަދަލުވިފަހުން އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މި ލަނޑު ޖެހިތާ 20 މިނެޓް ފަހުން ސްޕާސްއިން ވަނީ ބްރެނަން ޖޯންސަން ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ.

މި މެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންއެވެ. މި މެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ފަހު ދެ ލަނޑު އެޓީމަށް ޖެހުމުގައި އެހީތެރިވެދީފައިވަނީ ކެޕްޓަން ސޮން ހެއުން މިންއެވެ.

މިފަހަރު ލީގުގައި ސްޕާސްއިން ކާމިޔާބު ކުރި ދެވަނަ މެޗާއެކު އެޓީމު މިހާރު އުޅެނީ ފަސް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ބްރެންޓްފަޑް އުޅެނީ ހަ ޕޮއިންޓާއެކު 12 ވަނައިގައެވެ.