އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބޯންމޯތު ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 0-3 އިންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ލިވަޕޫލުން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަަހަމަ ކޮށެވެ.

މިދިޔަ ހަފްތާގައި ނޮޓިންހަމް ފޮރެސްޓް އަތުން އަމިއްލަ ދަނޑުގައި އެއްލަނޑު ސުން ލަނޑުން ބަލިވެފައިވުމުގެ ސަބަބުން ކުރިމަތިވި މާޔޫސްކަމުން އަރައިގަތުމަށް ޓަކައި މި މެޗު ކާމިޔާބު ކުރުމުގެ އަޒުމާއެކު ކުރިމަތިލި ލިވަޕޫލަށް މެޗުގެ ކުރީކޮޅުގައި ދިމާވީ އަނެއްކާ އިތުރު ހާސްކަމަކާއެވެ.

މިގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ބޯންމޯތުން ލިވަޕޫލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އެންޓޮއިން ސެމެންޔޯ މިބޯޅަ ވައްދާލިއިރު އޮފް ސައިޑްގައި ހުރުމުގެ ސަބަބުން ވީއޭއާރުން ބެލުމަށްފަހު އެލަނޑު ބަލައިގެންފައެއް ނުވެއެވެ.

މިއާއެކު ދެބް ފެނިގެންދިޔައީ ލިވަޕޫލްގެ ފޯވަޑް ލައިނުގައި ކުޅެމުންދިޔަ ތިން ކުޅުންތެރިން ކަމުގައިވާ މުހަންމަދު ސަލާހް، ލުއިސް ޑިއާޒް އަދި ޑާވިން ނޫނޭޒް ބޯންމޯތުގެ ގޯލަށް ނުރައްކާ ކުރަން ފެށިތަނެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 26 ވަނަ މިނެޓުގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި ބޯންމޯތުގެ ކީޕާ ކެޕާ އަރީޒާބަލާގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ ލީޑު އެޓީމުން ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލުއިސް ޑިއާޒްއެވެ.

އަދި މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޑިއާޒްވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަންގައި ޕްރިމިއާ ލީގުގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ފުރަތަމަ މެޗު ކުޅެމުންދިޔަ ނޫނޭޒްއެވެ. މިއީ އޭނާ ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ.

މިމެޗުގެ ދެވަނަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް މިހާފުގައި ލިބިގެންދިޔައެވެ. މިގޮތުން ބޯންމޯތުން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ލިވަޕޫލާއި އަލަށް ގުޅުނު ފެޑެރީކޯ ކިއޭސާ ފޮނުވާލި ހަމަލާއެއްވަނީ ބޯންމޯތުގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ.

އެއީ ކުރިން އެއްވަނައިގާ އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ލިވަޕޫލަށް ކުރި ލިބޭތީއެވެ. ނަމަވެސް ސިޓީ އަދި އެއް މެޗު ނުކުޅެ އޮތުމުން އެމެޗު ސިޓީއަށް ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ އެއްވަނައަށް އަލުން އެރުމުގެ ފުރުސަތު ސިޓީއަށް ލިބިގެން ދާނެއެވެ.

ސިޓީ މި ހަފްތާގައި ކުޅޭ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ އެޓީމާއި ވޭތުވެދިޔަ ދެސީޒަންގައި ލީގަށް އެންމެ ގާތުން ވާދަކުރި އާސެނަލް އާއެވެ. މި މެޗުން ބަލިވުމާއެކު ބޯންމޯތު މިހާރު އުޅެނީ 5 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.