22 Sep 2024, 00:21
އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީއިން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 0-3 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމް އިންނެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގައި ވެސްޓް ހޭމްއަށް ޗެލްސީ ހާސްކޮށްލެވޭ ވަރުވެ މާގިނަ ހަމަލާ ތަކެއް އުފެއްދިފައެއް ނުވެއެވެ.
އަދި މި މެޗު ޗެލްސީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ޗެލްސީިއިންވަނީ މި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ. އަދި ޗެލްސީގެ ދެވަނަ ލަނޑު އޭގެ 14 މިނެޓު ފަހުން ޖަހައިދިނީވެސް ޖެކްސަންއެވެ.
މި މެޗުގައި ވެސްޓް ހޭމްއަށް ޕެނަލްޓީ އެއް ލިބެން ޖެހޭކަމަށް އެޓީމަށް ހީވެގެންދިޔައިރު ފުރަތަމަ ހާފުގައި މުހައްމަދު ކުޑޫސް ޗެލްސީގެ ގޯލަށް ވައްދާލި ބޯޅަވެސް ވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައިނުގެންފައެވެ.
މި މެޗުގައި ޗެލްސީގެ ފަހު ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯލް ޕާމާއެވެ.
މި ހާފުގައި ޗެލްސީއަށް އެޓީމުގެ ލަނޑުގެ އަދަދު އިތުރު ކުރާނެ ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިކާމިޔާބީ އާއެކު ޗެލްސީއިން މިވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އަދި ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ތިންވަނަ މެޗުން ބަލިވި ވެސްޓް ހޭމް މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.