ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރަން ޖެހޭކަމަށާއި އެކަމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިހާރު ނިއުޔޯކުގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗާ (ސިޑް)ގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ސިޑްސްގެ ގިނަ ގައުމުތަކުގައި އެތެރޭގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތަކަކީ ސިޑްސް ގައުމުތަކަށް އާކަމެއް ނޫންކަމަށެވެ.

"ސިޑްސްގެ ގައުމުތަކުގެ 40 ޕަސެންޓު މިހާރު ވެސް ތިބީ ދަރަނީގެ ދަތިކަމުގެ ތެރޭގައި، ނުވަތަ ދަރަނީގެ ދަތިކަމާ ކުރިމަތިލުމާ ގާތްވެފައި. ރާއްޖެއެކޭ އެއްފަދައިން، އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަށް ވެސް ވަނީ ދަރަނީގެ ޖީޑީޕީގެ ނިސްބަތް ވަނީ 100 ޕަސެންޓަށްވުރެ މަތިވެފައި" ރައީސް ވިދާޅުވިއެވެ.

މިއީ ވަގުތުން ފިޔަވަޅު ނަގަންޖެހޭ ފަދަ ހާލަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މެއި މަހު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ސިޑްސް ޑެބްޓް ސަސްޓައިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) އިފުތިތާހުކުރެވިފައި ވާކަމަށެވެ.

އަދި ޑީއެސްއެސްއެސްއިން ދަރަނި މެނޭޖުކުރުމަށް ދެމެހެއްޓެނިވި އުސޫލުތަކެއް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޑީއެސްއެސްއެސްގެ އުސޫލުތައް ތަންފީޒުކުރަން ފަށަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުދި ސިނާއަތްތަކަށް ބަރޯސާވާ ސިޑްސްގެ ގައުމުތަކުގެ ލީޑަރުންގެ ހައިސިއްޔަތުން ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"އިގްތިޞާދު ސިންދަފާތު ކުރުމަކީ ހަމައެކަނި އަމާޒެއް ނޫން، އެއީ ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ ދުނިޔޭގެ އިގްތިޞާދެއްގައި އަޅުގަނޑުމެން ދެމިތިބުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. މިކަން ހާސިލް ކުރުމަށް ޓަކައި ސިޑްސްއިން އުފެއްދުންތެރިކަމުގެ ގާބިލްކަން ހަރުދަނާ ކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަން ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭންސާ އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި ޑީއެސްއެސްއެސްގެ މުހިންމު އަމާޒަކަށް ވާންޖެހޭނީ އިންޓަރެސްޓް ރޭޓް ދަށްކޮށް، ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، މާލީ ބުރަ ލުއިކުރުމަށް ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީގެ ދަތުރުގެ ފުރިހަމަ މިލްކުވެރިކަން ސިޑްސްގެ ގައުމުތަކުން ނެގުމަށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، އުފެއްދުންތެރި ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުތައް ބާރުވެރިކުރަން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.

މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާ ވެސް މެއެވެ.